ވިޔަފާރި

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޓީޑީސީން ހުޅުވާލާފައިވަނީ އެކުންފުނީގެ ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތެވެ.

ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޓީޑީސީގެ ފަންސާސް ޙިއްސާ އޮތް ޙިއްސާދާރެއްކަމުގައި ވުމާއި ތަޢުލީމީ ބޭފުޅަކަށްވުމާއި، ވިޔަފާރި ނުވަތަ ފަތުރުވެރިކަމުގެ ދާއިރާއިން މަދުވެގެން 5 އަހަރުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން ހޮއްވުމަށްފަހު، އެފަރާތްތަކުގެ މަޢުލޫމާތު ކުރިއަށްއޮތް އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ޢާންމުކުރާނެކަމަށް އެމްޓީޑީސީން ބުނެއެވެ.

ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނީ ކުރިއަށްއޮތް އެމްޓީޑީސީގެ އަހަރީ ޢާއްމު ޖަލްސާގައެވެ. އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް, އެމްޓީޑީސީ އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.