ވިޔަފާރި

ސައުދީގެ ޤައުމީ ތެޔޮ ކުންފުންޏަށް 111 ބިލިއަން ޑޮލަރުގެ ފައިދާއެއް!


މިދިޔަ އަހަރު ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ސައުދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރަމްކޯއަށް ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އަރަމްކޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ބައެއް ކްރެޑިޓް ރޭޓިންގ ކުންފުނިތަކާ ޚިއްސާކޮށްފައިވާއިރު، މިއީ 1933 ވަނަ އަހަރުން ފެށިގެން ވިޔަފާރިކުރަމުން އަންނަ ސައުދީގެ ޤައުމީ ތެޔޮ ކުންފުނީގެ މާލީ ހިސާބުތައް އާއްމުކުރި ފުރަތަމަ ފަހަރެވެ. އިންޓަނޭޝަނަލް ކްރެޑިޓް ރޭޓިންގ އެޖެންސީތަކެއްކަމަށްވާ މޫޑީސްއާއި ފިޗުން ބުނާގޮތުން މިދިޔަ އަހަރު އަރަމްކޯއަށް އާމްދަނީގެ ގޮތުގައި 359.9 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 111.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ އަރަމްކޯއާ އެންމެ ގާތުން ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު ފަސް ތެޔޮ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 80 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީއަށް ވުރެވެސް އިތުރު އަދަދެކެވެ. މާލީ ހިސާބުތަކުގައިވާ ގޮތުން ޑިވިޑެންޓު އަދި ޓެކްސްއާ ރޯޔަލްޓީގެ ގޮތުގައި 160 ބިލިއަން ޑޮލަރު އަރަމްކޯއިން ސައުދީ ސަރުކާރަށް ދައްކާފައިވެއެވެ.

އެންމެ ބޮޑު ވިޔަފާރި ފައިދާއެއް ލިބޭ ކުންފުނީގެ ލަޤަބް ސަޢުދީ ޢަރަބިއްޔާގެ އަރަމްކޯއަށް ލިބިފައިވާއިރު، މިހާތަނަށް އެމަޤާމު ދަމަހައްޓަމުން އައީ އެމެރިކާގެ މަޝްހޫރު އެޕަލް ކުންފުނިންނެވެ. ނަމަވެސް އަރަމްކޯއަށް ލިބުނު 111.1 ބިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާ ބަލާއިރު، އެޕަލްއަށް މިދިޔަ އަހަރު ލިބުނު 50 ބިލިއަން ޑޮލަރުގެ ސާފު ފައިދާއަކީ އަރަމްކޯއަށް ލިބުނު މިންވަރަށްވުރެ ދެބައިކުޅަ އެއްބައި މަދު މިންވަރެކެވެ.

އަރަމްކޯއިން އެކުންފުނީގެ މާލީ ހިސާބުތައް ފުރަތަމަ ފަހަރަށް އާއްމުކޮށްފައި މިވަނީ، އެކުންފުނިން ބޮންޑު ވިއްކުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަރަމްކޯއިން ބޮންޑު ވިއްކަނީ ސައުދީގެ ޤައުމީ ޕެޓްރޯކެމިކަލް ކުންފުނި، ސައުދީ ބޭސިކް އިންޑަސްޓްރީޒް ކޯޕަރޭޝަން، ސަބިކްގެ 70 އިންސައްތަ ހިއްސާ ގަތުމަށް ބޭނުންވާ 69.1 ބިލިއަން ޑޮލަރު ހޯދުމަށެވެ. އަރަމްކޯއިން ސަބިކްގެ މެޖޯރިޓީ ހިއްސާ ގަތުމާއެކު، ސައުދީ ސަރުކާރުގެ އެންމެ ބޮޑު ދެ ވިޔަފާރި ކުންފުނި ގުޅިގެންދާނެއެވެ. މިއާއެކު ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، އެކި ދާއިރާތަކުން އިޤްތިޞާދު ފުޅާކުރުމަށް ސައުދީން ފަށާފައިވާ މަސައްކަތް ހަލުވި ވެގެންދާނެކަމަށް ސައުދީގެ އިސް ފަރާތްތަކުން ދެކެއެވެ.

އަރަމްކޯއިން ބޮންޑު ވިއްކުމަށް ތައްޔާރުވަމުންދާއިރު، މީގެ ކުރިން އެކުންފުނިން ވަނީ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކުމަށް ނިންމާފައިވާކަންވެސް އިޢުލާންކޮށްފައެވެ. މިގޮތުން އަރަމްކޯގެ 5 އިންސައްތަ ހިއްސާ ވިއްކަައިގެން 100 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު އަރަމްކޯ ކުންފުނީގެ އަގު 2 ޓްރިލިއަން ޑޮލަރަށް އުފުލި، މައިކްރޯސޮފްޓް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށް ވެގެންދާނެއެވެ. އަރަމްކޯގެ ހިއްސާ ވިއްކުމުގެ މަސައްކަތް މިވަގުތު މަޑުޖައްސާލާފައި ވީނަމަވެސް ވަރަށް އަވަސް މުސްތަޤްބަލެއްގައި އަރަމްކޯގެ ހިއްސާ ވިއްކާނެކަމަށް ޚަބަރުތައް ބުނެއެވެ.