ކުޅިވަރު

އަޔަކްސް އާއި ބައްދަލުކުރާ މެޗަށް ރޮނާލްޑޯ ފިޓްވުމަކީ އުނދަގޫ ކަމެއް - އެލެގްރީ


ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އަޔަކްސް އާއި ބައްދަލުކުރާ މެޗަށް ރޮނާލްޑޯ ފިޓް ވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

އެލެގްރީ ބުނީ ރޮނާލްޑޯ މިހާރު އަންނަނީ ވަރަށް ބޮޑަށް ފިޓްވާން މަސައްކަތް ކުރަމުން ކަމަށާއި އުއްމީދު ކުރަނީ އޭނާ ފިޓްވާނެ ކަމަށެވެ.
"އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންނަމަވެސް އަދި ދުވަސް އޮތުމުން މުޅި ޓީމުވެސް އުއްމީދު ކުރަނީ ރޮނާލްޑޯ އެމެޗަށް ފިޓްވާނެ ކަމަށް" ޔުވެންޓަސްގެ ކޯޗު ބުންޏެވެ.

އެންމެ ފަހުން ހެދި ޓެސްޓުތަކުން އިތުރު އުއްމީދެއް ލިބުނު ކަމަށާއި އެހެންނަމަވެސް އަދި އިތުރު ޓެސްޓްތައް ހަދާ ވަރަށް ބައިވަރު މަސައްކަތް ރޮނާލްޑޯ ކުރަން ޖެހޭކަންވެސް އެލެގްރީ ފާހަގަކުރިއެވެ.

ލީގުގައި ޔުވެންޓަސްއަށް ދެން ކުރިއަށް އޮތީ މިރޭ ކަގްލިއަރީ އާއި ބައްދަލުކުރާ މެޗެވެ. އަދި އެއަށްފަހު މިއަންނަ ހޮނިހިރު ދުވަހު ލީގުގައި އޭސީ މިލާން އާއި ބައްދަލުކުރާނެއެވެ.

އެހެންނަމަވެސް ލީގުގެ އެންމެ ކުރިން ފަނަރަ ޕޮއިންޓްގެ ލީޑެއް އޮތުމުން ޔުވެންޓަސްއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ޗެމްޕިއަންސް ލީގަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އަޔަކްސް އާއި ބައްދަލުކުރާނީ މިމަހުގެ ދިހަ ވަނަ ދުވަހުގެ ރެއެވެ.