ކުޅިވަރު

ހުރިހާ މެޗަކުން މޮޅުވާން މެޝިނެއް ފަދައިން ކުޅެން ޖެހޭ - ގުއާޑިއޯލާ


މެންޗެސްޓަރ ސިޓީއިން މިހާރު މަސައްކަތް ކުރަމުންދަނީ ކުއަޑްރަޕްލް ކާމިޔާބުކުރަން ކަމަށާއި އެކަމަށް މުޅި ޓީމް އޮތީ ތައްޔާރަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގުއާޑިއޯލާ ބުނެފިއެވެ.

ގުއާޑިއޯލާ ބުނީ ޓީމުގެ ކުރިހާ ކުޅުންތެރިންވެސް ތިބީ މެންޓަލީގޮތުން އެކަމަށް ތައްޔާރަށް ކަމަށާއި އޭނާގެ ކުޅުންތެރިންނަކީ މޮޔަ ބައެއް ނޫން ކަމަށެވެ.
އަދި އެކަން ހާސިލް ކުރުމަށް މުޅި ޓީމް އެއްކޮށް މެޝިނެއްގެ ގޮތަށް ކުޅެ، ބާކީހުރި ހުރިހާ މެޗަކުން މޮޅުވާން ޖެހޭކަމަށެވެ.

ހުރިހާ މެޗަކާވެސް ކުރިމަތިލާނީ މި އަޒުމުގައި ކަމަށާއި އެކަން ހަގީގަތަނަށް ވުމުގެ ފުރުސަތު ގެއްލެންދެން ވިސްނުން ގެންގުޅޭނީ އެގޮތަށް ކަމަށްވެސް ސިޓީގެ ކޯޗު ބުންޏެވެ.
ކުއަޑްރަޕްލް އަކީ މިސީޒަންގައި ސިޓީ ކުޅޭ ހަތަރު މުބާރާތްވެސް ކާމިޔާބުކުރުމެވެ.

މިސީޒަންގައި ސިޓީ ކުޅޭ ހަތަރު މުބާރާތްވެސް ކާމިޔާބުކުރުމުގެ ފުރުސަތު އެޓީމަށް ފަހިވެފައިވާއިރު މިއީ މީގެކުރިން އެއްވެސް ކްލަބަކަށް ކާމިޔާބުކުރެވިފައިވާ ކަމެއް ނޫނެވެ.

ސިޓީއިން ލީގް ކަޕް މިހާރު ކާމިޔާބުކޮށްފައިވާއިރު، ޕްރިމިއަރ ލީގުގައި އެޓީމް އޮތީ ލިވަޕޫލްގެ ފަހަތުގައެވެ. އެހެންނަމަވެސް އެއީ އެއްމެޗު މަދުން ކުޅެގެނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ސިޓީ ވާދަކުރަން ޖެހެނީ ޕްރިމިއަރ ލީގުގެ ތިން ވަނާގައި އޮތް ޓޮޓްނަމާއެވެ. އަދި އެފް އޭ ކަޕްގެ ސެމީފައިނަލްގައި ސިޓީ ނިކުންނާނީ ބްރައިޓަން އެންޑް ހަވް އަލްބިއޮން އާއި ދެކޮޅަށެވެ.

މެންޗެސްޓަރ ސިޓީ މިސީޒަންގައި ދެން ކުޅެންޖެހޭ ސާދަ މެޗު ކާމިޔާބުކޮށްގެން މިހުރިހާ މުބާރާތެއް އެޓީމަށް އުފުލާލެވޭނެއެވެ.