ވިޔަފާރި

ވަޔަލަސް ޗާޖިން މެޓް އުފެއްދުމުގެ މަސައްކަތް އެޕަލްއިން ހުއްޓާލައިފި


އެޕަލްއިން ބާޒާރަށް ނެރޭނެކަން އިޢުލާންކުރި ވަޔަލަސް ޗާޖިން މެޓް އުފެއްދުމުގެ މަސައްކަތް އެކުންފުނިން ހުއްޓާލައިފިއެވެ.

އެއަރޕަވަރ ވަޔަލަސް ޗާޖިން މެޓްގެ ނަންދީފައިވާ މިޗާޖަރު ބާޒާރަށް ނެރޭނެކަން އެޕަލްއިން އިޢުލާންކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ކުލަގަދަ ރަސްމިއްޔާތުތަކާއެކު އުފެއްދުންތައް ބާޒާރަށް ނެރޭ އެޕަލް ކުންފުނީގެ އުފެއްދުމަށް އިޢުލާންކޮށްފައި، އެމަސައްކަތް ހުއްޓާލުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.

ވަޔަލަސް ޗާޖިންގ މެޓްގެ މަސައްކަތް ހުއްޓާލިކަން އިޢުލާންކޮށް އެޕަލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކުންފުނިން ބޭނުންވި ފެންވަރަށް ވަޔަލަސް ޗާޖިންގ މެޓްގެ މަސައްކަތް ކުރިއަށްގެންދެވުނުކަމަށެވެ. ނަމަވެސް މުސްތަގްބަލް އޮތީ ވަޔަލަސް އުފެއްދުންތަކަށް ކަމަށް ޤަބޫލުކުރާކަމަށާއި، އެމަސައްކަތް ހުއްޓާނުލާނެކަމަށް އެޕަލްއިން ބުނެއެވެ.

އެއަރޕަވަރ ވަޔަލަސް ޗާޖިން މެޓްއަކީ ކަރަންޓް ވާގަނޑުތައް ބޭނުންކުރުމުގެ ބަދަލުގައި މެޓެއްގެ މަތީގައި ފޯނު ބާއްވާލައިގެން ފޯނު ޗާޖުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އެޕަލްއިން ތަރައްޤީކުރަން އުޅުނީ އެއްފަހަރާ 3 ޑިވައިސް ޗާޖުކުރެވޭ ފަދަ މެޓެކެވެ.