ވިޔަފާރި

'ޔޫ އެންޑް މީ ބައި ކޮކޫން' ރިސޯޓް ރަސްމީކޮށް ހުޅުވައިފި


ކޮކޫން އިންވެސްޓްމަންޓުން ރ އަތޮޅުގައި ތަރައްޤީކުރި 'ޔޫ އެންޑް މީ ބައި ކޮކޫން' ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ރިސޯޓް ރަސްމީކޮށް ހުޅުވައިދެއްވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މިއީ ރ.އަތޮޅުގައި މޫދު އަޑީގެ ރެސްޓޯރެންޓާއެކު ހުޅުވި ފުރަތަމަ ރިސޯޓެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ހުޅުވި 5 ވަނަ ރިސޯޓެވެ.

ރ.އަތޮޅު އުތުރުމާފަރުގައި ތަރައްޤީކޮށްފައިވާ "ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓަކީ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ކޮކޫން އިންވެސްޓްމަންޓުން ހުޅުވި ދެވަނަ ރިސޯޓެވެ. މި ރިސޯޓުގައި 109 ކޮޓަރި ހުންނައިރު، މީގެތެރޭގައި 7 ވައްތަރެއްގެ ކޮޓަރި ހިމެނެއެވެ. އޭގެ ތެރޭގައި މަންތާ ވިލާ، ޑޯލްފިން ވިލާ، ޑޯލްފިން ވިލާ ވިތް ޕޫލް، އަދި ބީޗް ވިލާ ހިމެނެއެވެ.

އެޗް.ޓޫ.އޯގެ ނަން ދީފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓެއް މިރިސޯޓުގައި ހަދާފައިވާއިރު، މިއީ ރާއްޖޭގައި ހެދި 6 ވަނަ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ. މޫދުގެ ރީތި މުރަކަތަކާއި ކަނޑުފަޅުގެ ދިރުންތަކުގެ މަންޒަރުތަކާއެކު ކެއުމާއި ބުއިންތަކަށް އިންސާފްކުރެވޭ ކަނޑުއަޑީގެ ރެސްޓޯރެންޓުގެ އިތުރުންވެސް 4 ރެސްޓޯރެންޓް މި ރިސޯޓުގައި ހުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިފުރު އެއަރޕޯޓަށް 45 މިނެޓުން ދެވޭއިރު، އިފުރުން، ސްޕީޑް ބޯޓެއްގައި 20 މިނެޓުން މި ރިސޯޓަށް ދެވޭނެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިފަހުން މުޅިން އަލަށް 10 ރިސޯޓަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، މި 10 ރިސޯޓާއިއެކު ޖުމްލަ 1410 އެނދު ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރުވެގެންދާނޭކަމަށެވެ.