ވިޔަފާރި

މީރާގެ މުވައްޒަފުންގެ ފަރާތުން ކެއަރ ސޮސައިޓީއަށް 60,000 ރުފިޔާ ހަދިޔާކޮށްފި


ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭނުންވާ ހާއްސަ އެހީގެ ތެރޭގައި ހިމެނޭ ސްޕެޝަލައިޒްޑް ތެރަޕިސްޓެއް ގެނައުމަށްޓަކައި މީރާގެ މުވައްޒަފުންގެ ފަރާތުން ކެއަރ ސޮސައިޓީއަށް 60,000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު މީރާގައި ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ފައިސާ ހަވާލުކޮށްފައިވާއިރު، މީރާގެ މުވައްޒަފުން ވަނީ ކެއަރ ސޮސައިޓީގެ ކުދިންނާއެކު ވަގުތު ހޭދަކޮށް އެ ކުދިންނާއި ގުޅުން ބަދަހިކޮށްފައެވެ.

މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ އިސް މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ، ނައުޝާން މުހައިމިން އާއި ކެއަރ ސޮސައިޓީގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުން ވަރަށް މުހިއްމުކަމެއް ދީގެން އެމީހުންގެ އަމިއްލަ މުސާރައިން ހޭދަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މި ފަދަ އެތައް ހަރަކާތްތަކެއް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ، ނައުޝާން މުހައިމިން ގެ ވާހަކަފުޅުގައި، މި އެހީއަކީ ކެއަރ ސޮސައިޓީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެހީއެއްކަމަށާއި، މީރާގެ މުވައްޒަފުން މި ދެއްވި އެހީގެ ސަބަބުން ސްޕެޝަލައިޒްޑް ތެރަސްޓެއްގެ ފަރާތުން ފުރަތަމަ ފަހަރަށް ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭނުންވެފައިވާ ތެރަޕީސެޝަންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ