ވިޔަފާރި

މިސަރުކާރުގެ ފުރަތަމަ 90 ދުވަހުގެތެރޭ ލިބުނު ހިލޭއެހީ، ކުރީ ސަރުކާރުގެ ފަސް އަހަރަށްވުރެ އިތުރު


އަދުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭ ލިބުނު ހިލޭއެހީ، ނިމިގެންދިޔަ ސަރުކާރުގެ ފަސް އަހަރަށްވުރެ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭފައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ، 1.97 ބިލިއަން ރުފިޔާ ކަމަށާއި، ރައީސް ސާލިހު ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭ އެކަނިވެސް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކައިގެން ރާއްޖޭގެ މާލީ ހާލަތު ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ގިނަ އަދަދެއްގެ ހިލޭ އެހީ ލިބިގެންދިޔަކަން މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

"އެންމެ ފުރަތަމަ މަސައްކަތަކަށްވީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އެކި އެކި ޤައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި ވާހަކަދެއްކައިގެން، އެހީ ހޯދުމަށް މަސައްކަތްކުރުން. އަޅުގަނޑުމެންގެ މި މަސައްކަތް މިހާތަނަށް މި ދިޔައީ ވަރަށް ކާމިޔާބުކޮށް" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އެހީ ހޯދުމަށް ކުރެވުނު މަސައްކަތުން އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑު އެހީއެއް ވެދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މީގެކުރިން މާލީގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަނެ، މިހާރު ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ފޯކަސްކުރުމުގެ ޖާގަ ލިބިގެންގޮސްފައިވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެފައިވަނީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދައުލަތަށް 5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.

މިއީ ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެތްކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަރަށް ބޮޑު ތަނުން އިތުރުކުރެވިފައިވާކަންވެސް ރައީސް ސާލިޙު ފާހަގަކުރެއްވިއެވެ.

މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މީގެ އެތައް ގުނައަކަށް މިހާރުވެސް ހިލޭ އެހީ ހަމަޖެހެމުން އަންނަކަމަށް ރައީސް ސާލިޙު ވަނީ ވިދާޅުވެފައެވެ.