ޚަބަރު

ބްރެކްސިޓް މައްސަލައިގައި ނެގި ތިން ވަނަ ވޯޓުވެސް ކާމިޔާބެއް ނުވި


އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ވަކިވުމާބެހޭ އެއްބަސްވުން ތަސްދީޤުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތިންވަނަ ފަހަރަށް ދެކޮޅުހަދައިފިއެވެ. ބްރެކްސިޓްގެ އެއްބަސްވުން އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސަށް ތިންވަނަ ފަހަރަށް ހުށަހެޅުމުން ހައުސްގެ މެންބަރުންގެ ތެރެއިން ދުއިސައްތަ އަށްޑިހަ ހަ މެންބަރުން އެ އެއްބަސްވުމަށް ތާއީދުކުރިއެވެ.

އެހެންނަމަވެސް ތިންސަތޭކަ ސާޅީސް ހަތަރު މެންބަރުންވަނީ އެ އެއްބަސްވުމަށް ދެކޮޅުހަދާފައެވެ. ހައުސް އޮފް ކޮމަންސުން ބްރެކްސިޓްގެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ދެކޮޅު ހެދުމުން ތެރޭސާ މޭ ވިދާޅުވީ، މި މައްސަލައިގައި އިނގިރޭސި މުޖުތަމައު ބައިބައިވެ، ހަތަރު އަނގޮޅި އެއްގެ ކަންމައްޗަށް ގޮސްފައިވާ ކަމަށެވެ.

އިނގިރޭސި އިދިކޮޅު ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ މައްސަލަ ހައްލުކުރުމަށްޓަކައި ތެރޭސާ މޭ މަގާމުން ދުރުވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ހައުސް އޮފް ކޮމަންސުން ބްރެކްސިޓްގެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ދެކޮޅުހެދުމުން، ތެރޭސާ މޭގެ ސަރުކާރަށް ބްރެކްސިޓްގެ މައްސަލަ ހައްލު ކުރެވިދާނެކަމާމެދުވަނީ ހަގީގީ ސުވާލުތަކެއް އުފެދިފައެވެ.

ބްރެކްސިޓްގެ އެއްބަސްވުމަށް ހައުސްއިން ތިންވަނަ ފަހަރަށްވެސް ދެކޮޅުހެދީ މީގެކުރިން އެ އެއްބަސްވުމަށް ދެކޮޅު ހެދިއިރުވެސް މެންބަރުން ފާހަގަ ކުރެއްވި ކަންކަން އެގޮތަށް ހުރުމުންނެވެ. މީގެ ތެރޭގައި ބްރެކްސިޓްގެ އެއްބަސްވުމުގައި ހިމެނޭ ސޭފްޓީ ނެޓްވަރކާއި އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި އޮންނަ ނޮދަން އަޔަލޭންޑާއި ޔޫރަޕްގެ އިއްތިޙާދުގެ ގައުމެއްގެ ގޮތުގައި އޮންނަ ރިޕަބްލިކް އޮފް އަޔަލޭންޑާ ދެމެދުގައިވާ ސަރަހައްދީ ރޮނގުގައި ގާއިމުކުރާ ޗެކް ޕޮއިންޓުތަކުގެ މައްސަލަ ފަދަ، އިނގިރޭސި ދައުލަތުގެ ސިޔާދަތާ ގުޅިފައިވާ މައްސަލަތައް ހިމެނެއެވެ.

ބްރެކްސިޓްގެ އެއްބަސްވުމަށް ކުރިމަތިވި ތިންވަނަ ގޮންޖެހުމާއެކު ތެރޭސާ މޭ ވަނީ އެއްބަސްވުމަކާއެކުވެސް އަދި އެއްބަސްވުމަކާ ނުލައިވެސް، ބްރެކްސިޓްގެ ކަންތައް ކުރިޔަށްގެންދިޔުމަށް ހައުސްއިން ދެކޮޅުހަދާކަމަށް ތުހުމަތު ކުރައްވާފައެވެ. ހައުސް އޮފް ކޮމަންސުން ބްރެކްސިޓްގެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ދެކޮޅު ހެދުމުން ޔޫރަޕްގެ އިއްތިޙާދުގެ ވެރިޔާ ޑޮނަލްޑް ޓަސްކު ވިދާޅުވީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމާބެހޭ ބެހޭގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް ޔޫރަޕްގެ ލީޑަރުން އަންނަ އެޕްރީލް މަހުގެ ދިހައެއްގައި ބްރަސަލްސްގައި ބައްދަލުކުރައްވާނެކަމަށެވެ.

ތެރޭސާ މޭގެ ސަރުކާރަށް ބްރެކްސިޓް ކަންތައް މެނޭޖްނުކުރެވުމާ އަދި ކޮންޒަވެޓިވް ޕާޓީވެސް މިމައްސަލާގައި ބައިބައިވެފައިވުމުގެ ސަބަބުން އިނގިރޭސި ދައުލަތްވަނީ އަޑިނޭނގޭ، ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައި. މި ވަޅުގަނޑުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅުގޮތަކީ ބްރެކްސިޓްގެ މައްސަލައިގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ އިތުރު ވޯޓަކަށް ދިޔުންކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. މިކަމަށް ގޮވާލައި ލަންޑަންގައި ދާދި ފަހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.