ޚަބަރު

އިރާޤުން އައި.އެސްގެ އިސް ކޮމާންޑަރަކު މަރާލައިފި


އައިއެސް ޖަމާއަތުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އިންތިޚާބާއި އޭނާއަށް ވާގިވެރިވާ އަސްކަރިއްޔާގެ ހަތަރު މީހުން މަރާލާފައިވާކަން އިރާޤުން ކަށަވަރުކޮށްދީފިއެވެ.

އިރާޤު ސަރުކާރަށް ވާގިވެރިވާ ޖަމާއަތެއްކަމަށްވާ ޞަދްރު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ ސަރާޔާ އައްސަލާމުން ބުނީ، މުޙައްމަދު އިންތިޚާބާއި އޭނާއަށް ވާގިވެރިވާ އައިއެސްގެ އޮފިޝަލުން މަރާލީ އިރާޤުގެ އުތުރުގެ ޞަލާހުއްދީން ޕްރޮވިންސްގައި އެމީހުން ދިރިއުޅޭކަން އެނގިގެން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ފަސް މީހުންގެ މަރުވެފައިވާ ހަށިތައް ހަނގުރާމައިގެ މައިދާނުން ފެނިފައިވާ ކަމަށްވެސް ސަރާޔާ އައްސަލާމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އިރާޤުގެ ސަލާހުއްދީން ޕްރޮވިންސްގައި ހުންނަ ޝިޔައީންގެ މަޒާރުތަކުގައި ބޮންގޮއްވައި އެތަންތަން ހަލާކުކުރުމަކީ އައިއެސް ޖަމާއަތުން ކުރަމުން ގެންދާކަމެކެވެ.

ސޫރިޔާގައި އައިއެސްގެ ވެރިކަމުގެ ނިޒާމު ބިމާ ހަމަކޮށް، އައިއެސްގެ ބާރު ކަނޑުވާލުމަށް ހިންގި ކާމިޔާބު އަސްކަރީ އޮޕަރޭޝަނުން ފިލައިގެން އައި.އެސްގެ ބައެއް ކޮމާންޑަރުން ސަރަހައްދީ ރޮނގު ހުރަސްކޮށް އިރާގަށް ދިޔަކަމަށް ބައެއް ރިޕޯޓްތައްބުނެއެވެ. އެހެންނަމަވެސް އައިއެސްގެ ބާރެއް އިރާޤުގައި ނެތްކަމަށް އިރާޤުގެ ސަރުކާރުން ބުނެއެވެ.