ޚަބަރު

ވިލާތުގެ ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އެ ޤައުމުން އިލްތިމާސްކޮށްފި


ފަލަސްތީނުން އިޢުލާންކޮށްފައިވާ މިނިވަން، މުސްތަޤިއްލު ދައުލަތް ބަލައިނުގަންނަ ވިލާތުގެ ޤައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް، އެ ޤައުމުގެ ސަރުކާރުން ގޮވާލައިފިއެވެ.

ފަލަސްތީނަށް ވަޑައިގެން އުޅުއްވާ ވިލާތުގެ ވަފްދަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު އުރައިގާތު ވިދާޅުވީ، ވިލާތުގެ ހުރިހާ ޤައުމުތަކެއް ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ޖެހޭ ކަމަށާއި، އެކަންކޮށްފިނަމަ އިސްރާއީލުގެ ހަރުކަށިކަމަށް ވަރުގަދަ މެސެޖެއް ދެވޭނެކަމަށެވެ.

އުރައިގާތު ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާ ވެރިވެގަތުން ނިމުމަކަށް ގެނައުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނަށް ބޯލެނބުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރެވޭނެ ގޮތަކީ، ވިލާތުގެ ޤައުމުތަކުން، މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުންކަމަށެވެ. ދުނިޔޭގެ ސަތޭކަ ތިރީސް ނުވަ ޤައުމަކުން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގެންފައިވާއިރު، އޭގެތެރޭގައި ވިލާތުގެ ހަތް ޤައުމު ހިމެނެއެވެ.

ވިލާތުގެ ޤައުމުތަކުންވަނީ އިސްރާއީލުން ވެރިވެގެންފައިވާ ގުދްސުގެ އިރުމަތީ ބަޔަކީ އިސްރާއީލުގެ ބައެއްކަމަށް ބަލައިގަތުމަށް ދެކޮޅުހަދާފައެވެ.