ވިޔަފާރި

ވާވޭއަށް ލިބުނު އާމްދަނީ 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވެއްޖެ


ހުޅަނގުގެ ޤައުމުތަކުން ކުރިމަތިކުރުވި ފިއްތުންތަކާއެކުވެސް ޗައިނާގެ ވާވޭ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 100 ބިލިއަން ޑޮލަރަށްވުރެ އިތުރުކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

1987 ވަނަ އަހަރު އުފެދުނު ޗައިނާގެ ވާވޭ ކުންފުންޏަކީ، މުވާސަލާތީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ އިލެކްޓްރޯނިކް ތަކެއްޗާއި މުވާސަލާތީ ޚިދުމަތްތަކާއި ޓެކްނޮލޮޖީއާ ގުޅުންހުރި ތަކެތި އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތަކާ ބެހޭ މަޢުލޫމާތު ވާވޭއިން ހާމަކޮށްފައިވާއިރު، އެކުންފުންޏަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ހަތްސަތޭކަ އެކާވީސް ބިލިއަން ޔުއާން ނުވަތަ ސަތޭކަ ހަތް ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި 59.3 ބިލިއަން ޔުއާން ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެއްކަމަށް ވާވޭއިން ބުނެއެވެ.
ވާވޭއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައި މިވަނީ، ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ކަމަށް ހުޅަނގުގެ ޤައުމުތަކުން ކުރާ ތުހުމަތާއެކު އެކުންފުންޏަށް މާލީގޮތުން ގެއްލުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވިފައިވަނިކޮށެވެ. ނަމަވެސް ވާވޭއިން ބުނަނީ އެއީ މިނިވަން ކުންފުންޏެއްކަމަށާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް އެކުންފުނިން ނުކުރާނެކަމަށެވެ.

ވާވޭއިން ބުނީ ބައިނަލްއަޤްވާމީ މައިދާނުގައި އެކުންފުނީގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރި ނަމަވެސް، މިދިޔަ އަހަރު ކުރި ވިޔަފާރިން ލިބުނު އާމްދަނީ 19.5 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި މިއީ މިދިޔަ ދެ އަހަރާ އަޅާބަލާއިރު، އެންމެ ބޮޑަށް އާމްދަނީ އިތުރުވި އަހަރުކަން ވާވޭއިން ފާހަގަކުރެއެވެ.

ކާމިޔާބުކަމާއެކު ކުރިއަށްދިޔަ ނަމަވެސް، ވާވޭއަށް މައްސަލަތަކާ ކުރިމަތިލާންޖެހުނީ ވާވޭއަކީ ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ކުންފުންޏެއްކަމަށް އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ތުހުމަތުކުރަން ފެށުމުންނެވެ. އެއާއެކު ބައެއް ޤައުމުތަކާއި މުވާސަލާތީ ކުންފުނިތަކުން ވަނީ ވާވޭގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލަން ފަށާފައެވެ. ބައެއް ޤައުމުތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ވާވޭއިން މިހުރިހާ ތުހުމަތެއް ދޮގުކުރެއެވެ.