ވިޔަފާރި

ރިޔާޛް ޓްރެވަލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ސަޢުދީ ޢަރަބިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ، "ރިޔާޛް ޓްރެވަލް ފެއަރ"ގައި މަޓާޓޯއާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 3 ކުންފުންޏަކުން ބައިވެރިވެއްޖެއެވެ.

ސަޢުދީ ޢަރަބިއާގެ ވެރިރަށް ރިޔާޛުގައި މިމަހުގެ އަށާވީހުން ތިރީސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ރިޔާޛް ފެއަރގައި ރާއްޖެ ތަމްސީލްކުރުމަށް މާޓާޓޯގެ ފަރާތުން ޑެސްޓިނޭޝަން ސްޓޭންޑެއް ވަނީ ބަހައްޓާފައެވެ.

މިފެއަރ މެދުވެރިކޮށް މެދުއިރުމަތީގެ ޤައުމުތަކުގެ ޓްރެވަލް އެޖެންޓުންނާއި ދިވެހި ވިޔަފާރިވެރިންނާއި ގުޅުވާލުމުގެ ފުރުސަތު މާޓާޓޯއިން ފަހިކޮށްދޭނެކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތިނެއް ޕޮއިންޓު ފަހެއް އިންސައްތަ އަކީ މެދުއިރުމަތީގެ ޤައުމުތަކުން އަންނަ ފަތުރުވެރިން. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މެދު އިރުމަތީގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ސަޢުދީ ޢަރަބިޢާއިންނެވެ.

އެގޮތުން ހުސްވި އަހަރު އެޤައުމުން ތޭވީސްހާސް ފަސަތޭކަ ސާޅީސްހާސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ އެމުއްދަތާއި އަޅާ ބަލާއިރު އެކެއް ޕޮއިންޓް ހަޔެއް އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ހިސާބުތަކުގައި އިޝްތިހާރުކޮށް، ދިވެހި ކުންފުނިތަކަށް އެކި ޤައުމުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި މަޓާޓޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން މަޓާޓޯއިން ވަނީ މިއަހަރު ތެރޭގައި 15 ފެއާއެއްގައި ބައިވެރިވުމަށް ނިންމާފައެވެ.