ވިޔަފާރި

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 11 އިންސައްތަ އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފަހު ކުއަރޓަރުގައި ރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު އެގާރަ އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާ ގޮތުން އެ ކުއާޓަރގައި ރާއްޖެއިން ތޭވީސް ހާސް ތިންސަތޭކަ ނުވަދިހަ ހައެއް ޕޮއިންޓް ހަތެއް މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ވަނީ އެކްސްޕޯޓްކޮށްފައެވެ.

މަސް އެކްސްޕޯޓްކުރި މިންވަރު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، ގަނޑުކުރި ކަޅުބިލަ މަހާއި، ދަޅުގައި ބަންދުކުރި މަސް އަދި ޕޯޗްގައި ބަންދުކޮށްގެން ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ރާއްޖެއިން ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށަށް ގޮސްފައި ކަމަށް ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއަރޓަރގައި މަސްވެރިންގެ އަތުން މަސް ގަނެފައިވާ މިންވަރުވެސް އެއަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު ވަނީ ނުވަދިހަ އެކެއް އިންސައްތަ އިތުރުވެފައެވެ. އެގޮތުން މަސްވެރިންގެ އަތުން ޖުމްލަ ސައުވީސް ހާސް ހަތްސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ފަހެއް މެޓްރިކް ޓަނުގެ މަސް ވަނީ ގަނެފައެވެ. އޭގެތެރެއިން ނުވަދިހަ އަށެއް އިންސައްތަ އަކީ ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަނނެލިކަން ފާހަގަކޮށްލެވެއެވެ.

ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި މަހުގެ އަގުތަށް ހުރި ގޮތަށް ބަލާލާއިރު، ރީނދޫ އުރަހަ ކަންނެލީގެ އަގު ހުރީ އެވްރެޖްކޮށް، ކިލޯއެއް ފަންސާސް ހަ ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއަރޓަރުގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ލިބެން ހުންނަ އަގު ކަމަށްވާ ހަތްދިހަ ދެ ރުފިޔާ އާއި އަޅާ ބަލާ އިރު ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.