ވިޔަފާރި

އިނގިރޭސި ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ދެވަނައަށް އެންމެ މަޤްބޫލް މަންޒިލަކީ ދިވެހިރާއްޖެކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ތަންތަން ހޯދުމަށް ބޭނުންކުރާ ވެބްސައިޓެއް ކަމަށްވާ، ހޯމް.ޓު.ގޯއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލަކީ ޕެސިފިކް ކަނޑުގެ ދެކުނުން އޮންނަ ބޯރަ ބޯރާ ޖާޒީރާތަކެވެ. ލިސްޓުގެ ދެވަނަ ރާއްޖެއަށް ލިބިފައިވާއިރު، ހޯމް.ޓު.ގޯއިން ރާއްޖެއާއި ގުޅޭގޮތުން ބުނެފައިވަނީ ރާއްޖެއަކީ މަތީ ފަންތީގެ ހިދުމަތްދޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، ރާއްޖޭގައިވެސް ހެޔޮ އަގެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

މި ސަބަބާއެކު ރާއްޖެއަށް ދާން ބޭނުންވާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށް އެފަރާތުން ބުނެއެވެ. އަދި ރާއްޖެއަކީ ޑައިވް ކުރުމާއި ފީނުމަށްވެސް މަޤްބޫލް މަންޒިލަކަށްވާއިރު، ރާއްޖޭގެ މޫދު އަޑީގެ ރީތިކަން ބަލާލާ، ހިތްގައިމު ގޮނޑުދޮށްތަކުގައި ވަގުތު ހޭދަކުރުމަށް އިނގިރޭސިވިލާތުގެ ފަތުުރުވެރިން ބޭނުންވާ ކަމަށް ހޯމް.ޓު.ގޯއިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

ހޯމް.ޓު.ގޯ އިން ނެރެފައިވާ ރިޕޯޓުގައި އިނގިރޭސި ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން، މަޑަގަސްކަރަ، ޒިމްބާބްވޭ، އަދި ގާނާ ހިމެނެއެވެ.

އިގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން 114،988 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ ހަތެއް ޕޮއިންޓް ހަތެއް އިންސައްތައެވެ.