ވިޔަފާރި

ރާއްޖޭގެ އެއަރޕޯޓްތައް ފައިދާވާނެ ފަދަ މޮޑެލްއަކަށް ހިންގަން ޖެހޭ- މިނިސްޓަރ އަމީރު


ވިޔަފާރި އުސޫލުން އެންމެ ފައިދާ ވާނެ ފަދަ މޮޑެލްއަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކޮށްފައިވާ އަދި ތަރައްޤީކުރަމުންދާ އެއަރޕޯޓްތައް ހިންގަން ޖެހޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު ރާއްޖެއަށް އަހަރެއްގެ ތެރޭ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 3 މިލިއަނަށް އިތުރުކުރަން ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން އަންނަ މިންވަރު އިތުރުކުރުމަށް އެއަރޕޯޓްތަކުގެ އެހީ ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އަންނަ ފަތުުރުވެރިންގެ އަދަދު އަމާޒްކޮށްފައިވާ މިންވަރަށް އިތުރުވެގެން ދިޔުމުން ޑޮމެސްޓިކް އެއަރޕޯޓްތަކަށް ވެސް ކުރިއެރުން ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެެއްވިއެވެ.

"ޓާރގެޓަކީ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ނިމިގެންދާއިރު، ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު ތިން މިލިއަންއަށް އިތުރުކުރުން، އެއިރުން ފެންނާނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ރިސޯޓްތަކަށް ފަތުުރުވެރިކަން ފުޅާވެގެންދާތަން، އެއަރޕޯޓްތަކުގެ ބޭނުން އެންމެ ފައިދާވާ ގޮތަކަށް ވިޔަފާރި އުސޫލުން އެކަންތައްތައް ކުރެވޭނެ މޮޑެލްއެއް އެބަޖެހޭ ގެންނަން، އެކަންތައްތައް އަޅުގަނޑުމެން ގެންނާނަން،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގައި ހުރި އެނދުގެ ނިސްބަތް ފަސްދޮޅަސް ހާހަށް އިތުރުކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން ބޮޑަށް އިސްކަންދޭނީ މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޑޮމެސްޓިކް އެއަރޕޯޓްތަށް މިހާރު ތަރައްޤީކުރަމުންދާ ހިސާބުތަކުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެއަރޕޯޓްތައް ތަރައްޤީކޮށް، އިތުރު ރިސޯޓްތައް ތަރައްޤީކުރުމާއެކު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުވެސް ވަނީ ބޮޑުކޮށްފައެވެ.