ކުޅިވަރު

އުފަން ރަށުން ވަސްމީއަށް ރަތްދޫލައިގެ މަރުހަބާއެއް!


ސްޕެޝަލް އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ރިހިމެޑަލް ހޯދި ވަސްމީ ވަހީދަށް އޭނާގެ އުފަން ރަށުން ހޫނު މަރުހަބާއެއްކިޔައިފިއެވެ.

ވަސްމީ ރަށަށް އައުމާއިއެކު ބ ތުޅާދޫގެ ރައްޔިތުން ވަސްމީއަށް ކިޔާފައިވަނީ ރަތް ދޫލައިގެ މަރުހަބާއެކެވެ.

އެކުވެރި އަރަބި އިމާރާތުގައި ނިމިގެންދިޔަ ސްޕެޝަލް އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވަސްމީ ހޯދި ކާމިޔާބީ އާއި ގުޅިގެން ވަސްމީއަށް މަރުހަބާކިއުމަށް ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ، ވަސްމީއަށް ހޫނު މަރުހަބާކިޔާފައެވެ. ވަސްމީއަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ފަރާތުންނެވެ.

ތުޅާދޫ އަކީ މުޅި ރާއްޖެއިންވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެންމެ ގިނަ ރަށެވެ. އެހެންކަމުން ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތަކުން ރަން ވަނައެއް ތުޅާދޫ ކުއްޖަކު ހޯދުމުން އެ ރަށުގެ ރައްޔިތުންނަށް ވަނީ ވަރަށްބޮޑު އުފާވެރިކަމެއް ލިބިފައެވެ.

"ސަތޭކަ ނުވަދިހަ ޤައުމުން ބައިވެރިވި ސްޕެޝަލް އޮލިމްޕިކް ކުޅިވަރު މުބާރާތެއްގައި ރާއްޖޭގެ އެތުލީޓަކަށް ރިހިމެޑަލް ލިބުމަކީ ޤައުމީ ޝަރަފެއް. އަދި ތުޅާދޫ ކުއްޖަކު މިފަދަ ފަހުރުވެރި ވަނައެއް ހޯދުމަކީ މި ރަށާއި، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފެއް" ވަސްމީއަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް އައިސްހުރި ޒުވާނެއްކަމަށްވާ ކަމަށްވާ ޖުނައިނާ ބުންޏެވެ.

ސްޕެޝަލް އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ވަސްމީ ހޯދި ކާމިޔާބީއާއި ގުޅިގެން، އެކަން ފާހަގަކުރުމަށް ރަށުގެ ކުލަބުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ހަނދާނީ ވަސްމީއަށް ހަނދާނީ ފިލާ ދީފައެވެ.

" ތުޅާދޫ އަކީ މުޅި ރާއްޖެއިންވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެންމެ ގިނަ ރަށް. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތަކުން ރިހި މެޑަލެއް ހޯދުމަކީ މިރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ ކަމެއް. ވަސްމީގެ ކާމިޔާބާއިއެކު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އާއިލާތަކަށާއި އެފަދަ ކުދިންނަށްވެސް ވަރަށްބޮޑު އުއްމީދެއް ލިބިގެން އެދިޔައީ" ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިއެއްކަމަށްވާ އާއިޝާ ފާހަގަކުރިއެވެ.

އުފަން ރަށުގެ ރައްޔިތުންގެ ފަރާތުން ކީ ހޫނު މަރުހަބާ އާއި ގުޅޭގޮތުން ވަސްމީ ބުނީ ރަށަށް އައުމާއިއެކު ލިބިގެންދިޔައީ ވަރަށްބޮޑު ސަޕްރައިޒެއްކަމަށާއި، މިހާ ކުލަގަދަކޮށް މަރުހަބާ ކިޔުމަށް ތައްޔާރުވާނޭކަމަށް ހިތަށްވެސް ނާރާކަމަށެވެ.

މި މަހުގެ 14 އިން 21 އަށް އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް- ކުޅިވަރު މުބާރާތުގައި ރާއްޖެއިން ވަނީ ރަން ވަނަތަކެއް ހޯދާފައެވެ. މިގޮތުން ވަސްމީ ވަހީދު ރިހި މެޑަލް ހޯދާފައިވަނީ، ނިއުނޭޝަން 200 މީޓަރު ދުވުމުގެ ބައިންނެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ސިފްނާ އިބްރާހީމް ވަނީ ނިއުނޭޝަންގެ 100 މީޓަރު ދުވުމުގެ ބައިން ރަން މެޑަލް ހޯދާފައެވެ.

ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑް ގޭމްސް 2019 ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ 2 އަންހެން އެތުލީޓުންނާއި، 2 ފިރިހެން އެތުލީޓުންނެވެ.

ސްޕެޝަލް އޮލިމްޕިކްސް - ވޯލްޑްގޭމްސް 2019 އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ، ވާދަވެރި މާޙައުލެއްގައި އެފަދަ ފަރާތްތަކުގެ ޤާބިލިއްޔަތުކަމަށް ރިޢާޔަތް ކުރެވިގެން އިންތިޒާމް ކުރެވޭ ބައިނަލްއަޤްވާމީ މުބާރާތެކެވެ.