ވިޔަފާރި

ހޮޓެލިއަރ މޯލްޑިވްސްގެ ޖީ.އެމް ފޯރަމް އަންނަ ބުދަ ދުވަހު ބާއްވަނީ


މިއަހަރުގެ ޖީ.އެމް ފޯރަމްގައި ސަތޭކައަށް ވުރެ ފަރާތަކުން ބައިވެރިވާނެކަމަށް ހޮޓެލިއަރ މޯލްޑިވްސް ހާމަކޮށްފިއެވެ.

އަންނަ ބުދަ ދުވަހު ބާއްވާ ހޮޓެލިއަރ މޯލްޑިވްސް ޖީ.އެމް ފޯރަމްގެ ހަތަރުވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ. މި ބައްދަލުވުމުގައި 100 އަށްވުރެ ގިނަ ބައިވެރިން 30 އަށްވުރެ ގިނަ ހޮޓެލް ބްރޭންޑް ތަމްސީލްކުރާނެކަމަށް ހޮޓެލިއާ މޯލްޑިވްސްއިން މައުލޫމާތުދެއެވެ. ކުރީ އަހަރުތަކާއި އެއް ގޮތަށް، މި އަހަރުގެ ޖީ.އެމް. ފޯރަމްގައިވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ކަންތައްތަކާއި، މި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެވޭނެއެވެ.

މި ބައްދަލުވުމުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ދާއިރާތަކުގެ މާހިރުންގެ ތަޤުރީރުތަކާއި، ޕެނަލް ޑިސްކަޝަން އަދި ހުށައެޅުންތައް ހިމެނޭނެކަމަށް ހޮޓެލިއަރ މޯލްޑިވްސް އިން ބުނެއެވެ. މި އަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ބައެއް މައުޟޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަންކުރާ ތަންތަން އަދި ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން، މަސައްކަތްތެރީންގެ ހުނަރު އަދި މި ދާއިރާގައި ހުރި ތަޢުލީމީ ފުރުޞަތުތައް، އަދި މި ދާއިރާގައި މަސައްކަތްކުރާ އަންހެން ކަނބަލުންގެ ދައުރާއި އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް ހިމެނެއެވެ.

މީގެ އިތުރުންވެސް މި އަހަރުގެ ބައްދަލުވުމުގައި ފާހަގަކޮށްލެވޭ 2 ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ދާނެއެވެ. މި މަޝްވަރާތަކުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކަކީ، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަން ކުރުމަށް އޮތް ގޮންޖެހުންތަކާއި، މި ދާއިރާގައި ހުރި ތަޢުލީމީ ފުރުޞަތުތައް، އަދި މި ދާއިރާގައި މަސައްކަތްކުރާ އަންހެން ކަނބަލުންގެ ދައުރާއި އެ ފަރާތްތަކަށް ހުރި ފުރުޞަތުތަކަށެވެ.