ޚަބަރު

ލޫކަސް ހެނާންޑޭޒް ކްލަބް ރެކޯޑް އަގަކަށް ބަޔާން މިއުނިކަށް ބަދަލުވެއްޖެ


އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ލޫކަސް ހެނާންޑޭޒް ކްލަބް ރެކޯޑް އަގަކަށް ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

މިދިޔަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރ ބަޔާން އާއެކު ހަދާފައިވާ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓްގެ މުއްދަތު ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. 23 އަހަރުގެ ހެނާންޑޭޒް އެތްލެޓިކޯ ދޫކޮށް ބަޔާން މިއުނިކަށް ބަދަލުވީ 80 މިލިއަން ޔޫރޯ އަށެވެ. މިއީ ބަޔާންގެ ތާރީހުއި އެ ކްލަބުން ކުޅުންތެރިއަކު ގަތުމަށް ކުރި އެންމެ ބޮޑު ހޭދައެވެ.

ހެނާންޑޭޒް ޔޫތް ކުޅުންތެރިއެއްގެ ގޮތަށް އެތްލެޓިކޯއަށް ބަދަލުވީ 2007 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު ކްލަބުގެ ސީނިއަރ ޓީމަށް ކުޅެންފަށައި މިހާތަނަށް ހެނާޑޭޒްވަނީ 110 މެޗު އެ ކްލަބަށް ކުޅެދީފައެވެ.

މި ސީޒަނަށްފަހު ބަޔާނުން އަންނީ ކްލަބުގެ ސްކޮޑަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވަމުންނެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އިނގިރޭސި ކްލަބް ލިވަޕޫލް އާއި ވާދަކޮށް ބަލިވެގެން ކެޓިއިރު ބަޔާންގެ ރައީސް ބުނެފައިވަނީ، މި ސީޒަނަށްފަހު ކްލަބުގެ ސްކޮޑު ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ބަޔާންގެ ތާރީޙުގައި ނުކުރާވަރުގެ މަސައްކަތަކަށް ވާނެކަމަށެވެ.

ބަޔާންގެ ސްކޮޑަށް ބޮޑު ބަދަލެއް ގެންނައިރު މިހާރު އެ ކްލަބުގައި ތިބި ބައެއް ކުޅުންތެރިން ކްލަބު ދޫކޮށްލާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.