ޚަބަރު

ސްރީލަންކާއާއި އިންޑިއާއާއި މެލޭޝިއާއިންވެސް އާސަންދައިގެ ޚިދުމަތް


ސްރީލަންކާއާއި އިންޑިއާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އާސަންދަ ޚިދުމަތަށް އެދި "އެބްރޯޑް ޕޯޓަލް"ގައި ރެޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އާސަންދަ ކުންފުނިން ވިދާޅުވެފައިވަނީ އެކުންފުނީގެ ވެބްސައިޓުން މިޚިދުމަތަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ލިބޭނެކަމަށެވެ. މިއަދުން ފެށިގެން މިޚިދުމަތަށް ރަޖިސްޓްރީ ވެވޭނެކަމަށް އެކުންފުނިން ވިދާޅުވެފައިވާއިރު، މިޚިދުމަތަށް އެދި އޮންލައިންކޮށް ރެޖިސްޓްރީކުރެވޭނެއެވެ.

އާސަންދައިގައި ރެޖިސްޓްރިވުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް ސްރީލަންކާގައި ޚާއްސަ ކޭމްޕެއް ބޭއްވުމަށްވެސް އެކުންފުނިންވަނީ ނިންމާފައެވެ. ހުކުރު އަދި ހޮނިހިރު ދުވަހަށް ބާއްވާ "އާސަންދަ އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް" ސްރީލަންކާގައ އޮންނާނީ ސްރީލަންކާގެ ސޯސަން ވިލާގައި ހުންނަ އާސަންދަ އޮފީހުގައެވެ.

މި ކޭމްޕްގެ ޙަރަކާތްތައް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހު، ކޮންމެ ދުވަހެއްގެ ހެނދުނު ދިހަޔަކުން ރޭގަނޑު ދިހަޔަކަށް ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އަދި ލަންކާގައި އުޅޭ ދިވެހިން މިކަމަށް ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ކޭމްޕެއްވެސް ހުކުރުދުވަހު ހަވީރު އޮންނާނެއެވެ.

ސްރީލަންކާ، މެލޭޝިއާ އަދި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެތެރޭގައި ހިމެނޭ މުހިންމު ކަމެކެެވެ.