މިމަހުންފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ނިންމާފައިވަނީ ރައްޔިތުން އެންމެ ބޭނުންވި ކަންކަން، ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވުމަށްކަމަށެވެ.
އެގޮތުން އަސާސީ ޚިދުމަތްތައް ދިނުމުގައި، މާލެއާއި އެހެން ރަށްރަށާ ދެމެދު ހުރި ފަރަގު ނައްތައިލުމުގެ ސިޔާސަތުގެ ދަށުނާއި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މީގެ ސަބަބުން ކަރަންޓުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ލިބި، ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ޚަރަދުތައް ކުޑަވެ ޢާއްމުރައްޔިތުންނަށް އެހަމުގެ ހެޔޮ ފައިދާ ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ވާހަކަފުޅުގައިވަނީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ކާމިޔާބީތަކާގުޅޭ ބައެއް އެހެންކަންކަމަށްވެސް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި، މިކަންތައް ހުއްޓުވަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނާގުޅޭ ގޮތުން މިސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" ކަން ފާހަގަކުރެއްވިއެވެ.
އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ ޢަމަލުތައް ރިޕޯރޓް ކުރުމަށް، "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ޕޯޓަލް މިހާރު ޢާންމުންނަށް ހުޅުވާލައިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތް ހިންގުން ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އޭގެތެރެއިން ދައުލަތުގެ މާލީ ތަފްސީލްތައް، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު ޝާޢިއުކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ، މިސަރުކާރުން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަންކަމަށެވެ.
މިދިޔަ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ރައްޔިތުންގެ ޙައްޤުތަކަށް އެންމެ ބޮޑަށް އަރައިގެންފައިވަނީ، ރައްޔިތުން އެންމެ ބޮޑަށް ފުރިހަމަވާން ބޭނުންވާ ކަންކަމުގެތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައާއި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ބަދަލުކުރުމުގެ މައްސަލަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން މިނިސްޓްރީތަކަށް ނަގާފައިހުރި، ލޯކަލް ކައުންސިލްތަކުގެ ބާރުތައް މިހާރު މިއަންނަނީ، އެ ކައުންސިލްތަކަށް އަނބުރާ ދެމުންކަމަށް ވިދާޅުވިއެވެ. ލާމަރުކަޒީ ޤާނޫނަށް މިސަރުކާރުން ހުށަހެޅި އިޞްލާޙްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ކަމަކީ، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުންކަމަށާ، ދައުލަތުގެ ބަޖެޓްގެ މަދުވެގެން %5 ކަނޑައަޅާނީ ކައުންސިލްތަކަށްކަމަށް، މި ބިލްގައި ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ކާމިޔާބީތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި، އެސްއެމްއީ ބޭންކުގެ ޚިދުމަތް މިހާރު ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިއާއެކު އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމައި ރާއްޖެއިން ބޭރުގައި ކިޔެވުމަށް، އިންޓަރެސްޓް ކުޑަ ލޯނު ސްކީމެއް ތައާރަފްކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، ރައީސް ޞާލިޙް އެންމެބޮޑަށް ފާހަގަކުރެއްވީ ސަރުކާރުގައި ވަޒީފާ އަދާކުރާ މައިންނަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައިންނަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ޖުމްލަ 160 ވަޢުދެއް ހިމެނެއެވެ. އޭގެ ތެރެއިން މިއަދާ ހަމައަށް ގާތްގަނޑަކަށް %83 ވަޢުދު ފުއްދަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.