މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އައިސީޑީގެ ސީއީއޯ އައިމަން އަމިން ސަޖެނީއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 2011 ވަނަ އަހަރު ވުޖޫދަށް އައި މޯލްޑިވްސް އިސްލާމިކް ބޭންކާއިއެކު ރާއްޖޭގެ މާލީ ދާއިރާއަށް އިތުރު ކުރިއެރުމެއް އައިސްފައިވާކަމަށެވެ.
މިގޮތުން އެމްއައިބީގެ އައުމާއިއެކު ރާއްޖޭގައި އިސްލާމިކް ބޭންކިންގގެ ޙިދުމަތް އިތުރަށް ފުޅާވެގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެމްއައިބީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތައް ލިބިގެންދިޔަކަމަށްވެސް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވިތާ 7 އަހަރު ވެފައިވާއިރު، އެ ބޭންކްގެ ކަސްޓަމަރުންގެ އަދަދު އުޅެނީ 80،000 ހާހުން މަތީގައެވެ. އެމްއައިބީން ރާއްޖޭގެ 6 އަތޮޅެއްގައި އެ ބޭންކްގެ ގޮފިތައް ޤާއިމްކޮށްފައިވާއިރު، ބޭންކްގެ މުއައްޒަފުންގެ ގޮތުގައި 200 މީހުން މަސައްކަތްކުރަމުން ދެއެވެ.
އެމްއައިބީގެ އައު ހެޑް އޮފީހާއިއެކު އެ ބޭންކުން ކަސްޓަމަރުންނަށް ދެމުން އަންނަ ބޭންކިންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަން ލިބިގެންދާނޭކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ހުންނަނީ މެދުޒިޔާރަތްމަގުގެ ހ. މެދުޒިޔާރަތް ދޮށުގައެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒީ ބޭންކްގެ ގަވަރުނަރާއި، އެނޫންވެސް ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.