ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަރވާމަންޓާއި ހަވާލުކުރެއްވި ވައުދުތައް ފުރިހަމަ ކުރެވިއްޖެކަމަށް އެކްޓިންގ ސްޕޯޓްސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމަށް ވި ވައުދާއި ކުޅިވަރު އެސޯސިއޭޝަން އޮޑިޓްކުރުމުގެ ނިމުން ވަނީ ރޭ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފުއްދުމަށް ވީ ވައުދުތަކުގެ ތެރެއިން މާލޭގައި އިންޑޯ ސްވިމިންގ ޕޫލެއް އެޅުމަށް ވި ވައުދު ފުރިހަމަ ނުކުރެވިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ އެ ވައުދު ފުރިހަމަ ނުކުރެވުނީ ސްވިމިންގ ޕޫލް އެޅުމަށް ކަނޑައެޅިފައިވާ ބިމުގެ މިލްކުރެވިކަމާމެދު ދެބަސްވުންތަކެއް އުޅޭތީ ކަމަށާއި އެއީ މިނިސްޓަރީގެ ބާރުގެ ދަށުގައި އޮތް ކަމެއް ނޫން ކަމަށެވެ.
ސްޕޯޓްސް ކައުންސިލަރުންގެ ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަގުތީ ގޮތުން ޔޫތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވީ ސްޕޯޓްސް ކައުންސިލަރުން ވާން ޖެހޭނީ މީހުން އެއްބައިކުރުވާ ބަޔަކަށް ކަމުގައެވެ.
އަދި އެއީ ހުރިހާ ފަރާތްތަކަކާވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ފަރާތްތަކެއް ކަމަށާއި އެގޮތުގައި މަސައްކަތް ކުރެއްވުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.