ސިއްހަތު

ގޮންޖެހުންތައް އެބަހުރި، އެކަމަކު އިތުބާރު ހިފޭ ނިޒާމަކަށް ސިއްޙީ ނިޒާމް ހަދާނަން - މިނިސްޓަރ


ސިއްޙީ ނިޒާމު އިތުރައް ހަރުދަނާކޮށް، މި ނިޒާމަކީ ރައްޔިތުންނަށް އިތުބާރުހިފޭފަދަ ނިޒާމަކަށް ހައްދަވާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ނިޒާމު ފުޅާކުރުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށެވެ. އެގޮތުން ސިއްޙީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާއި، ބޭނުންވާ ވަރަށް ދާއިރާގެ ތަޖުރިބާހުރި މީހުން ނެތުމާއި، ވަސީލަތްތައް ހޯދުމުގައި ދިމާވާ ދަތިތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެއްދިފައި ވުމަކީވެސް އެކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. ނަމަވެސް ސިއްޙީ ނިޒާމު އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ އެފަދަ މައްސަލަތައް ޙައްލުކުރުމަށްލިބޭ ބޮޑު ފުރުސަތެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އާސަންދައާއި އެންސްޕަރގެ މަސައްކަތްތައްވެސް މި ވިއުގަ މެދުވެރިކޮށް ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސިއްޙީ ނިޒާމް އަލުން ކޮޅަށް ނަގައި އިތުބާރު ލިބޭ ތަނަކަށް ހަދާނަން. އަދި ސިއްޙީ މަރުކަޒުތައް އަލުން ބިނާކޮށް، ވަސީލަތްތައް ފުޅާކޮށް ރައްޔިތުންނަށް އިތުބާރުހިފޭ ނިޒާމަކަށް ހަދާނަން" މިނިސްޓާރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަސީލަތްތައް އިތުރުކުރިނަމަވެސް، ބަލިތަކުން ދުރުހެލިވުމަށްޓަކައި ދުޅަހެޔޮ ސިއްޙައްތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލްކުރުމާއި، ހަށިގަނޑަށް ގެއްލުންވާ ކާނާގެ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވެ، ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން އިތުރު ކުރަން ސަމާލުކަން ދޭން ޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.