ވިޔަފާރި

50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލު ބަދަލުވަނީ!


އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ހަފްތާގެ ހޯމަދުވަހުން ފެށިގެން ޓެކްސް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށްކަމަށް މީރާއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން މީގެކުރިން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނެރެފައިވާ ޓެކްސް ރޫލިންއެއްގައި ބުނެފައިވަނީ، އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 50 މިލިއަން ރުފިޔާ، ނުވަތަ އެއަށްވުރެ އިތުރުވާ ކުންފުނިތަކުން އަންނަ އޭޕްރިލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސް ދައްކަން ޖެހޭނީ، މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށެވެ.

މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ދެއްކޭނޭކަމަށް ކަނޑައަޅާފައިވާ ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ، މުދަލާއި ޙިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ، ވިތްހޯލްޑިންގ ޓެކްސް، އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބީޕީޓީއެވެ.

މީރާއިން އަންނަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނޭގޮތަށް މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނޭ ގޮތްތައް ފުޅާކުރަމުންނެވެ.