ވިޔަފާރި

ބިދޭސީންގެ ހުއްދައިގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދޭން ފަށައިފި


ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ހުއްދައިގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިއަދު ދޭން ފަށައިފިއެވެ.

މީގެ ކުރިން ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިން ހުއްދަދިނުމުގެ ކަންތައްތައް ކުރަމުން އައިސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ޙިދުމަތްތަކުގެ ތެރޭގައި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީވުމުގެ ޚިދުމަތާއި، ކޯޓާ ހަމަޖައްސައިދިނުމުގެ ޚިދުމަތާއި، އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމުގެ ޚިދުމަތާއި، ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްގެ ޙިދުމަތެވެ.

އިކޮނޮމިކް މިނިސްޓްރީން މި ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ، ކުރިންވެސް މި ޚިދުމަތްތައް ދެމުން ގެންދިޔަ ހުރަވީ ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި، އެ މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ކައުންޓަރުތަކުންނެވެ.

ޚިދުމަތް ދިނުމަށް ޓޯކަން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން 12:30 ގެ ނިޔަލަށެވެ. ޚިދުމަތް ދެވެމުންދާ ޓޯކަން ނަންބަރުގެ ތަފްސީލް ކިއުބީ އާއި، ކިއުޓާ އެޕްލިކޭޝަން އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބަލާލެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ އަމާޒަކީ، ކޮރަޕްޝަނަށް ފަހި ނުވާނޭގޮތަށް އަދި ދެފުށް ފެންނަ ގޮތަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ ކަންކަން ކުރުންކަމަށެވެ.