ވިޔަފާރި

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އެސްއެމްއީ ބޭންކުން ޙާއްސަ ލޯނުތައް ދޫކުރާނެ- އެސްޑީއެފްސީ


އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އެސްއެމްއީ ބޭންކުން ޙާއްސަ ލޯނުތައް ދޫކުރާނެ

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ޙާއްސަ ލޯނެއް ތައާރަފްކުރުމަށް ރާވާފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު، އެސްޑީއެފްސީން ހާމަކޮށްފިއެވެ.

ރައީސް ސާލިހްގެ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ޤާއިމްކުރުމަށް ނިންމި އެސްއެމްއީ ބޭންކް އިފްތިތާހްކޮށްފައިވަނީ، މިމަހުގެ އަށާރަވަނަ ދުވަހެވެ.
ބޭންކް އިފްތިތާހް ކުރުމާއިއެކު ތަފާތު ހަތަރު ލޯނަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ހަތަރު ލޯނަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ 'ރަށު ފަތުރު' ލޯނާއި، ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ 'ވިޔަފާރިއެހީ' ލޯނާއި، ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ 'ހަރުމުދާ' ލޯނުގެ އިތުރުން ދަނޑުވެރިކަން ކުރިއެރުވުމަށް 'ދަނޑުވެރި ނަފާ' ގެ ނަމުގައި ދޫކުރާ ލޯނެވެ.

އެސްއެމްއީ ބޭންކްގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޒީނާދު ވިދާޅުވީ، މިހާރު އިއުލާން ކޮށްފައިވާ ލޯނުތަކުގެ އިތުރަށް، ކުރިމަގުގައި އިތުރު ލޯންތައް އެސްޑީއެފްސީއިން ތައާރަފްކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން އަލަށް ވިޔަފާރި ފެށުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް އަމާޒްކޮށްގެން ތައާރަފްކުރުމަށް ރާވާފައިވާ ލޯނާއި އެކު އެކި ދާއިރާތަކުން ލޯނަށް އެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޒީނާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް ތައާރަފްކުރާނަން ޙާއްސަކޮށް އަލަށް ވިޔަފާރި ފަށަން ގަސްދުކުރާ ބޭފުޅުންނަށް ލޯނެއް. މީގައި ޙާއްސަ ސެކްޓަރއެއް ނީންނާނެ. އައިސީޓީ، މެނުފެކްޗަރިން އަދި ފިޝަރީޒް ފަދަ ސެކްޓަރ ތައް ހިމެނޭނެ" ޒީނާދު ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުން މިހާރު ދޫކުރުމަށް އިއުލާންކޮށްފައިވާ ލޯންތަކަކީ އެ ދާއިރާތަކާއި ގުޅުންހުރި އިތުރު ވިޔަފާރިތަކަށްވެސް ހުޅުވާލެވިފައިވާ ލޯންތަކެއްކަން އެސްޑީއެފްސީން ހާމަކުރެއެވެ. އެގޮތުން އެ ދާއިރާއަކާއި ގުޅުންހުރި އެކި އެކި މަސައްކަތްތަކަށް މި ލޯންތަށް ފެތޭކަންވެސް އެސްޑީއެފްސީން ފާހަގަކުރެއެވެ.

ޒީނާދު ވިދާޅުވީ އެސްޑީއެފްސީން ދޫކުރާ ލޯންތަކަށް އެދުމުގެ ފުރުސަތު މިމަހުގެ އަށާރަވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ލޯނަށް ޝައުގުވެރިކަން ފާޅުވެރިކަން ފާޅުކުރަމުންދާކަމަށާއި އަމާޒަކީ އަންނަ މަހުންފެށިގެން ލޯންތައް ދޫކުރަން ފެށުންކަމަށް ޒީނާދު ވިދާޅުވިއެވެ.

"ވަރަށް ބޮޑު ސަޕޯޓެއް ލިބެމުންދަނީ، ފުރަތަމަ ދުވަހު ހުޅުވާލީ އެއްގަޑި އިރަށް. ގާތްގަނޑަކަށް 30 ހަކަށް މީހުން މައުލޫމާތު ސާފުކުރުމަށް އޮފީހަށް ޒިޔާރަތްކުރި. ފޯނުން ގުޅައިގެންވެސް ވަރަށް ގިނަ މީހުން މައުލޫމާތު ސާފުކުރަމުންދަނީ" ޒީނާދު ވިދާޅުވިއެވެ.

ލޯންތަކާއި ގުޅޭ މައުލޫމާތުތައް އެސްޑީއެފްސީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި އެސްޑީއެފްސީން ދޫކުރާ ލޯންތައް ދެމެހެއްޓެނިވި ގޮތެއްގައި ދޫކުރުމަށްޓަކައި، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ކުރިން ދެފުށް ފެންނަ ގޮތަކަށް އިވެލުއޭޓްކުރާނެއެވެ. މިގޮތުން ލޯނު ދޫކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތަކަށާއި، ޤާބިލްކަމަށް ބެލުމަށްފަހުއެވެ. އެސްއެމްއީ ބޭންކުން ލޯނު ދެމުން ދާނީ ވިޔަފާރި ކާމިޔާބުވާ މިންވަރަކަށް ބަލައިގެންނެވެ.

އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު، އެސްޑީއެފްސީގެ އޮފީސް ހުޅުވާފައިވަނީ ހ. ސަކީނާ މަންޒިލްގެ ތިންވަނަ ފަންގިފިލާގައެވެ. ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނި އުފައްދާފައިވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަހެއް އިންސައްތަ ހިއްސާ ހިމަނައިގެންނެވެ.

އެސްޑީއެފްސީއިން ދޫކުރާ ލޯންތަކުގެ ވަކި ބައެއް ޒުވާން ވިޔަފާރިވެރިންނާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ޚާއްޞަ ކޮށްފައެވެ. އެގޮތުން އެސްޑީއެފްސީއިން ދޫކުރާ ލޯންތަކުގެ 20 އިންސައްތައަކީ އެފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ލޯންތަކެވެ.