ވިޔަފާރި

ދިރިއުޅުމުގެ ޚަރަދުތައް އެންމެ އަގުބޮޑު ސިޓީތައް


ދިރިއުޅުމުގެ ޚަރަދުތައް އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ އެއްވަނަ ޕެރިސް، ހޮންގކޮންގ އަދި ސިންގަޕޫރަށް ލިބިއްޖެއެވެ.

ދިރިއުޅުމުގެ ޚަރަދުތައް އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓަކީ ދުނިޔޭގެ 133 ސިޓީއެއްގައި ވިއްކާ 150 ބާވަތަކާއި ޚިދުމަތްތަކެއްގެ އަގުތައް އެމެރިކާގެ ނިއުޔޯކްގެ އަގުތަކާ އަޅާ ކިޔުމަށްފަހު ނެރެފައިވާ ލިސްޓެކެވެ. މިއަހަރުގެ ލިސްޓު އާއްމުކޮށްފައިވާއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އޭޝިޔާއާއި ޔޫރަޕްގެ ސިޓީތަކެވެ.

ދިރިއުޅުމުގެ ޚަރަދުތައް އެންމެ އަގުބޮޑު ސިޓީތައް
1 – ސިންގަޕޫރު
1 – ޕެރިސް / ފްރާންސް
1 – ހޮންގކޮންގ
4 – ޒިއުރިކް / ސުވިޓްޒަލެންޑް
5 - ޖެނީވާ / ސުވިޓްޒަލެންޑް
5 – އޮސާކާ / ޖަޕާން
7 – ސޯލް / ދެކުނު ކޮރެޔާ
7 – ކޯޕަންހޭގަން / ޑެންމާކް
7 – ނިއު ޔޯކް / އެމެރިކާ
10 – ތެލް އަވީވް / އިސްރާއިލް
10 - ލޮސް އެންޖަލެސް / އެމެރިކާ

ޚިދުމަތާއި ތަކެތި އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ އެއްވަނަ 3 ސިޓީއަކަށް ލިބެއެވެ. އެއ ހޮންގކޮންގ، ސިންގަޕޫރު އަދި ފްރާންސްގެ ވެރިރަށް ޕެރިސްއެވެ. މިއީ މިލިސްޓުގެ އެއްވަނަ 3 ސިޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ. ފްރާންސްގެ ޕެރިސްއަކީ މިލިސްޓުގެ ގަދަ 10 ގައި 2003 ވަނަ އަހަރުން ފެށިގެން ހިމެނޭ ސިޓީއެކެވެ. މިއަހަރުގެ ލިސްޓުގައި ހޮންގކޮންގ އެއްވަނައިގައި ހިމެނޭއިރު، މިދިޔަ އަހަރު ހޮންގކޮންގއަށް ލިބިފައިވަނީ 4 ވަނައެވެ. މިލިސްޓުގެ ގަދަ ދިހައެއްގައި ދެން ހިމެނޭ ސިޓީތަކަކީ ސުވިޓްޒަލެންޑްގެ ޒިއުރިކާއި ޖެނީވާ، ޖަޕާނުގެ އޮސާކާ، ދެކުނު ކޮރެޔާގެ ސޯލް، ޑެންމާކުގެ ކޯޕަންހޭގަން، އެމެރިކާގެ ނިއުޔޯކާއި ލޮސް އެންޖަލެސް އަދި އިސްރާއިލްގެ ތެލް އަވީވްއެވެ.

މިލިސްޓުގައިވާ ސިޓީތަކުގެ ތެރެއިން ގޭގެއާއި އާއްމުން ބޭނުންވާ އުމްރާނީ ޚިދުމަތްތައް އެންމެ އަގުބޮޑީ އެމެރިކާގެ ސިޓީތަކުގައެވެ. ޔޫރަޕަށް ބަލާލާއިރު، ގޭގައި ގެންގުޅޭ ސާމާނު ގަތުމަށާއި ކުޅިވަރާއި މޫނިފޫހިފިލުވުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ސުވިޓްޒަލެންޑުގެ ޖެނީވާއާއި ޒިއުރިކްގައެވެ. ޑެންމާކުގެ ކޯޕަންހޭގަންއަކީ ދަތުރުފަތުރުކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ސިޓީއެވެ.

މިލިސްޓުގެ ކުރީގައި އުޅޭ ތުރުކީ އިންތަންބުލް މިފަހަރު ވަނީ 120 ވަނަ އަށް ވެއްޓިފައެވެ. އޭގެ މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ އެޤައުމުގެ ފައިސާގެ އަގު ދަށްވުމެވެ. އިނގިރޭސިވިލާތުގެ ލަންޑަނަކީ މީގެ ކުރިން މިލިސްޓުގެ ތަންކޮޅެއް ފުލުގައި އުޅުނު ސިޓީއެއް ނަމަވެސް، މިއަހަރު ލަންޑަނަށް ވަނީ މިލިސްޓުގެ 22 ވަނަ ލިބިފައެވެ. އޭގެ މައިގަނޑު ސަބަބަކީ ލަންޑަންގައި ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ގޮސްފައިވުމެވެ.

ޚިދުމަތާއި ތަކެތި އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގެ އެންމެ ފުލުގައި، ނުވަތަ ތަކެތި އެންމެ އަގުހެޔޮކޮށް ލިބޭ ސިޓީއަކަށް ވެފައިވަނީ ހަމަނުޖެހުން ބޮޑުވެފައިވާ ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްއެވެ. މިދިޔަ އަހަރުގެ މިލިސްޓުގެ ފުލުގައި އޮތީ ދާހިލީ ހަނގުރާމައެއް ހިންގަމުންދާ ސޫރިޔާގެ ދިމިޝްގެވެ.

މިލިސްޓު އާއްމުކޮށްފައިވާ ފަރާތުން ބުނާގޮތުން ޚިދުމަތާއި ތަކެތި އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓުގައި ފުލުގައި އޮންނަ ސިޓީތަކަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ޤައުމުތަކެއް ނޫނެވެ. އެއީ އިންފްލޭޝަންގެ ސަަބަބުން ތަކެތީގެ އަގުތަކަށް ބަދަލު އައި ނަމަވެސް، އާއްމު ފަރުދުންނަށް ލިބޭ އާމްދަނީއަށް އެ ބަދަލު ނާންނާތީއެވެ. އެހެންކަމުން ވެނެޒުއޭލާފަދަ ޤައުމުތަކުގައި ޑޮލަރުގެ އަގު ބޮޑުވުމުން، އެޤައުމުގެ ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އުފުލުނު ނަމަވެސް، އެއީ ޑޮލަރުގެ ރޭޓުން އެހެން ޤައުމުތަކާ އަޅާބަލާއިރު ކުޑަ އަގުތަކެކެވެ.

ޚިދުމަތާއި ތަކެތި އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓަކީ އިޤްތިޞާދީ ދިރާސާތައްކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއެއްކަމަށްވާ އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން އާއްމުކުރާ ލިސްޓެކެވެ. ކޮންމެ އަހަރަކު އެކުލަވާލާ މި ލިސްޓަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ 133 ސިޓީއެއްގައި ވިއްކާ 150 ބާވަތެއްގެ އަގުތައް ދިރާސާކޮށް، އަޅާ ކިޔުމަށްފަހު ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.