ޚަބަރު

އަސްކަރިއްޔާގައި ގެންގުޅޭ ފަދަ ހަތިޔާރު ވިއްކުން ނިއުޒިލެންޑުން މަނާކޮށްފި


އަސްކަރިއްޔާގައި ބޭނުންކުރާ ފަދަ ސެމީ އޮޓޯމެޓިކް އަދި އެސޯލްޓް ރައިފަލް ޢާއްމުކޮށް ވިއްކުން މަނާކުރުމަށް ނިއުޒިލެންޑުން ނިންމައިފިއެވެ.

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަރން މިކަން އިޢުލާންކުރައްވާފައި މިވަނީ، ނިއުޒިލަންޑްގެ ކްރައިސްޗަރޗްގެ ދެ މިސްކިތަކަށް މީހަކު ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި ފަންސާސްމީހުން މަރުވެފައިވާތީ، އެ ޤައުމުގެ ހަތިޔާރުގެ ޤާނޫނަށް ބަދަލުތަކެއް ގެންނާނޭކަން އިޢުލާންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެޕްރިލް މަހުގެ އެގާރަ ވަނަ ދުވަސް އަންނަންވާއިރަށް، ހަތިޔާރު ގަނެވިއްކާ ބޭނުންކުރާނޭ ގޮތާ ގުޅުންހުރި އާ ޤާނޫންތަކެއް ވުޖޫދުވެގެންދާނޭކަމަށް އާޑަރން ވިދާޅުވިއެވެ. ނިއުޒިލެންޑްގެ މިހާރުގެ ޤާނޫނުތައް ބުނާގޮތުން ޢުމުރުން ސޯޅަ އަހަރުގައިވެސް ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮވެއެވެ.

އަދި ތަފާސްހިސާބު ދައްކާ ގޮތުން ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެ ޤައުމުގައި، ބަޑި ގެންގުޅޭ މީހުންގެ އާބަދީ އެކެއް ޕޮއިންޓް ފަހެއް މިލިޔަނަށް އަރައެވެ. މީގެ ތެރެއިން ތޭރަ ހާސް ފަސްސަތޭކަ މީހުންނަކީ އަސްކަރިއްޔާގައި ބޭނުންކުރާ ފަދަ ސެމީ އޮޓޯމެޓިކް އަދި އެސޯލްޓް ރައިފަލް ގެންގުޅޭ މީހުންނެވެ.