ޚަބަރު

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ފިރިހެނެއް ޝަހީދުކޮށްލައިފި


އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނިއަން ރެޑް ކްރެސެންޓުން މަޢުލޫމާތުދޭގޮތުގައި ޝަހީދުވީ މީހާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޒަން އަރާފައިވެއެވެ. ޝަހީދުވެފައިވަނީ ޢުމުރުން ސައްބީސް އަހަރުގެ ފިރިހެނެއްކަމަށާއި، އިތުރު މީހަކަށްވެސް އެ ހަމަލާގައި އަނިޔާވެ ފަރުވާހޯދަމުންދާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އާދީއްތަ ދުވަހު ދެފަރާތުން ބަދަލުކުރި ހަމަލާތަކެއްގައި އިސްރާއީލުގެ ސިފައިންގެ މީހަކާއި ފަލަސްތީނުގެ ޢާއްމުންގެ މީހަކު މަރުވީއްސުރެ ހުޅަނގު އައްސޭރީގައި މުސްލިމުންނަށް އޮތް ނުރައްކާ ވަނީ ޢާއްމުކޮށް އޮންނަ މިންވަރަށް ވުރެ އިތުރުވެފައެވެ. 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށްފަހު، ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އޮންނަނީ އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުގެ އަތްދަށުގައެވެ.

ފަލަސްތީނުން މަސައްކަތްކުރަނީ ހުޅަނގު އައްސޭރި އާއި ޣައްޒާ ހިމެނޭނޭހެން އެ ސަރަޙައްދުގައި އަލުން ދައުލަތެއް ޤާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމުގައި ކަނޑައެޅުމަށެވެ. އެހެންނަމަވެސް 2014 ވަނަ އަހަރަށްފަހު، މި މައްސަލައިގައި ދެ ފަރާތުގެ ދެމެދު، ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައެއް ނުވެއެވެ.