ޚަބަރު

ސައުލް ނިގޭޒް ހޯދަން ސިޓީން މަސައްކަތް ކުރުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫން - މޮރާޓާ



ސައުލް ނިގޭޒް ހޯދުމަށް މެންޗެސްޓަރ ސިޓީން މަސައްކަތްކުރަމުންދާކަމަށް ބުނެ ފެތުރެމުންދާ އަޑުތަކަކީ ހައިރާންވާވަރުގެ ކަމެއް ނޫންކަމަށް ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ބުނެފިއެވެ.

ސައުލް އާއެކު އެތްލެޓިކޯ މެޑްރިޑާއި ސްޕެއިންގެ ފޯވާޑް ބުނީ ބޮޑެތި ހުރިހާ ކްލަބަކުންވެސް މޮޅެތި ކުޅުންތެރިން ހޯދަން މަސައްކަތްކުރާނެ ކަމަށާއި ސައުލް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ސައުލް ފަދަ ކުޅުންތެރިއެއް ކޮންމެ ކްލަބަކުންވެސް ބޭނުންވާނެ ކަމަށްވެސް މޮރާޓާ ބުންޏެވެ.

24 އަހަރުގެ މިޑްފިލްޑަރ ސައުލް ނިގޭޒް ހޯދުމަށް ސިޓީން ކައިރިއަށް ޖެހިލާފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ދަނީ ބުނަމުންނެވެ. މީގެކުރިން ސައުލް ހޯދުމަށް އެންމެ ގާތުން މަސައްކަތްކުރަމުންދިޔައީ ސްޕެއިންގެ ބާސެލޯނާއިންނެވެ.

ސައުލްގެ އިތުރުން އެތެލްޓިކޯގެ ތަރި ގްރީޒްމަން ހޯދުމަށްވެސް ބާސެލޯނާއިން ކުރިން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. އެތްލެޓިކޯ ޗެމްޕިއަންސް ލީގުން ކެޓުމާއެކު ގްރީޒްމަން އަލުން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަ ވަނީ ފެންމަތިވެފައެވެ.

ގްރީޒްމަން އާއެކު އެތްލެޓިކޯގެ އެޓޭކް ބަލަހައްޓާ މޮރާޓާ ބުނީ ގްރީޒްމަންއަކީ އެތްލެޓިކޯގެ އެންމެ މުހިއްމު ކުޅުންތެރިއާ ކަމަށާއި އޭނާ ކްލަބްގައި ހުރީ އުފަލުންކަމަށެވެ. އަދި މޮޅެތިކުޅުންތެރިން އެހެންކްލަބްތަކުން ހޯދަން އުޅޭކަމުގެ ވާހަކަތަކަކީ އަބަދުވެސް އިވިއިވި ހުންނަ ވާހަކަތަކެއް ކަމަށްވެސް މޮރާޓާ ބުންޏެވެ.