ކެރިއަރު ނިންމާލަން ބޭނުންވަނީ ޕޯޓޯގައި ކަމަށް ސްޕެއިންގެ މަޝްހޫރު ކީޕަރު އީކަރ ކަސިޔަސް ބުނެފިއެވެ.
ސްޕެއިންގެ ޤައުމީ ޓީމަށް ސަތޭކަ ފަސްދޮޅަސް ހަތް މެޗު ކުޅެދީ ވޯލްޑް ކަޕް އުފުލާލާފައިވާ ކުރީގެ ކެޕްޓަން ބުނީ އެނާ ޕޯރތޯގައި ހުރީ ވަރަށް އުފަލުންކަމަށާއި އެންމެ ފުރަތަމަ ކްލަބާއި ގުޅުނު ހިސާބުންވެސް ޓީމާ ގުޅުންހުރި ހުރިހާ ފަރާތަކުންވެސް އޭނާއާއި މެދު ކަންތައްތައްކޮށްފައި ވަނީ ވަރަށްވެސް އުފަލާއެކު ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ރެއާލް މެޑްރިޑުން ޕޯރތޯއަށް ބަދަލުވި ތަޖްރިބާކާރު ކީޕަރު ވަނީ އިތުރު ދެ އަހަރު ޕޯރތޯގައި މަޑުކުރަން ކޮންޓްރެކްޓް އާކޮށްފައެވެ. ކަސިޔަސް ބުނީ މިއީ އޭނާ ވަރަށް އުފަލާއެކު ނިންމި ނިންމުމެއް ކަމަށާއި މިކަމަށް ކުރިމަތިލީ ކްލަބަށް ސަތޭކަ ޕަސެންޓް ދެވޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށެވެ.
ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި އިނގިރޭސިވިލާތުގެ ލިވަޕޫލް އާއި ދެކޮޅަށް ނިކުންނަން ތައްޔާރުވަމުންދާ ޕޯރތޯގެ ކީޕަރު ކަސިޔަސް ބުނީ ލިވަޕޫލަކީ ކޮންކަހަލަ ޓީމެއްކަން ވަރަށް ރަނގަޅަށް އިނގޭކަމަށާއި އެހެންނަމަވެސް އެމެޗާ އޭނާގެ ޓީމުން ކުރިމަތިލާނީ ލިވަޕޫލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
ކަސިޔަސްއަށް މިއަންނަ މޭމަހު ތިރީސް އަށް އަހަރު ފުރޭއިރު އޭނާ ޕޯރތޯއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު ހުންނާނީ ސާޅީސް އަހަރު ފުރިފައެވެ. ކަސިޔަސް ބުނީ ސާޅީސް އަހަރުން މައްޗަށް އެރުމުން އޭނާ ފުޓްބޯޅަ ކުޅޭނެކަމެއް ނުވަތަ ނުކުޅޭނެ ކަމަށް ބުނަން ނޭންގޭކަމަށާއި އެހެންނަމަވެސް ބޮޑަށް ގަބޫލްކުރެވެނީ ސާޅީހުން މައްޗަށް އެރުމުން ކުޅުން ހުއްޓާލާނެ ކަމަށް ކަމުގައެވެ.