ޚަބަރު

ސަމްޖޯތާ އެކްސްޕްރެސްގައި ބޮންގޮއްވި މައްސަލަގައި ތުހުމަތުކުރެވުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި


2007 ވަނަ އަހަރު ސަމްޖޯތާ އެކްސްޕްރެސް ރޭލުގައި ދިން ބޮމުގެ ހަމަލާގައި ޒިންމާވާކަމަށް ތުހުމަތުކުރެވުނު ހަތަރު މީހުންގެ މައްޗަށްވެސް ކުށް ސާބިތު ނުވާކަމަށް އިންޑިޔާގެ ޕަންޗްކޫލާ ސިޓީގެ ކޯޓުން ޙުކުމްކޮށްފިއެވެ.

2007 ވަނަ އަހަރުގެ ހަމަލާގައި ރޭލުގައި ދަތުރުކުރި 64 ފަސިންޖަރުން ވަނީ މަރުވެފައެވެ.

މައްސަލައިގައި ދަޢުވާކުރެވުނު ހަތަރު މީހުން ކަމަށްވާ ސްވާމީ އަސީމާނަންދް، ލޯކޭޝް ޝަރްމާ، ކަމަލް ޗޯހަން އަދި ރާޖެންދްރާ ޗޯދްރީގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާކަމަށް އެމީހުންގެ ޤާނޫނީ ވަކީލު މަޢުލޫމާތުދީފައިވެއެވެ.

ސަމްޖޯތާ އެކްސްޕްރެސް އަކީ ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ދަތުރުކުރާ ރޭލެކެވެ. ސަމްޖޯތާ އެކްސްޕްރެސް ރޭލުގައި ދެ ބޮން ގޮއްވުމުގެ ސަބަބުން އެ ރޭލުގައި އަލިފާންރޯވެ ފިހިގެން 64 މީހުން މަރުވިއެވެ. މި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުންނެވެ. ހާދިސާ ހިނގި އިރު އެ ރޭލުގައި 527 ފަސިންޖަރުން ތިއްބެވެ.