ވިޔަފާރި

ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރ ޕްލޭން ހެދުމަށް 34 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި


ތިިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރ ޕްލޭން ހެދުމާއި، ޑީޓެއިލް ޑިޒައިންކޮށްދިނުމަށް ތިރީސް ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވެފައިވާއިރު، ތިރީސް ހަތަރު ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ހުށަހެޅުންތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދިވެހި ކުންފުނިތަކާއި، ރާއްޖެއިން ބޭރުގެ ކުންފުނިތައް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ބިޑް ހުށަހަޅަން ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބައިނަލްއަޤްވާމީ ޕޯރޓު ތަރައްޤީ ކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް ހެދުމާއި، ޕޯރޓުގެ ޑީޓެއިލް ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނެ ފަރާތްތައް ޝަޢުޤުވެރިކަން ފާޅުކުރުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާނުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މާލޭގައި އޮޕަރޭޓްކުރަމުންދާ އެމްޕީއެލް ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އެގޮތުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.