ޚަބަރު

އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅުވެސް އޮތީ ތަރައްޤީނުވެ - ނާއިބުރައީސް


ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅުނަމަވެސް، އެއަތޮޅަށް އެކަށީގެންވާ ތަރައްޤީ އައިސްފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އެންމެ ގިނަ ފައިސާ ވައްދާ އަތޮޅަކީ ބ. އަތޮޅު ނަމަވެސް، އެއަތޮޅުގެ ގިނަރަށްރަށުގެ ބަނދަރުތައް ހުރީ ހަލާކުވެފައިކަމަށާ، ފެނާއި ނަރުދަމާ ބޭނުންވާ ރަށްތައް ބ. އަތޮޅުގައި އަދިވެސް އެބަހުރި ކަމަށެވެ. އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ސަރުކާރުން ހައްލުކޮށްދޭނީ ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަން ހޯދައިދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަންދީ، އަތޮޅުތަކުން ދައުލަތަށް ލިބޭ ޓެކްސް ފައިސާގެ ބައެއް ކައުންސިލްތަކަށް ދިނުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޛްކުރުމަށްޓަކައި ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"
"ﷲ އިރާދަކުރެއްވީޔާ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ދާނީ ކުރަމުން. ތައުލީމީ ސިޔާސަތު ވަރުގަދަކޮށް، ސިއްޙީ ޚިދުމަތް ފުޅާކޮށް ރައްޔިތުންނަށް ދިމާވެފައިވާ ފެނާ ނަރުދަމާ މަސައްކަތްފަދަ އަސާސީ ކަންކަން ހައްލު ކުރެވެމުންދާނެ. މިކަން ކަމަކީ ކުރަންޖެހޭ ކަންތައްތައް. މި ރަށްރަށަށް އެރުމުން ރައްޔިތުން އުޅޭ ހާލަތު ފެނިގެންދޭ، ބަނދަރުތައް ހަލާކުވެފަ ހުންނަ ވާހަކަ ކުރިން އިވެނީ މީހުން ބުނާއެއްޗެއް. މިހާރު އެބަފެނޭ ރައްޔިތުން ޝަކުވާ ކުރަނީ ކިހިނެވެގެންކަން."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ސަރުކާރުގެ ތަޞައްވުރު ބ. އަތޮޅުގެ ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ވަޢުދުވި ކަންކަން ހާޞިލްކޮށްފައިވާކަމަށާއި، ރައްޔިތުންނަށް ކުރީގެ ސަރުކާރުން ފޯރުކޮށް ނުދީހުރި އަސާސީ ޚިދުމަތްތައް މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެކަމަށެވެ. އަދި މިކަންކަން ފުރިހަމަކުރައްވާނީ ޤާނޫނީ އިމުގެ ތެރެއިން އެއްވެސް ތަފާތުކުރުމެއްނެތިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ވެފައިވާ ވަޢުދުތަކަކީ ފަސް އަހަރު ތެރޭގައި ކުރެވޭނެ ކަންކަން ކަމަށާއި، އެކަންކަން ހާޞިލްވުމުން ޤައުމުގެ މުއްސަނދިކަން އިތުރުވެ ފުދުންތެރި އާއިލާތަކެއް އުފެދިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތައް ވަރަށް ގިނަ. ކުރެވޭނެ ކަންތައްތަކާ އެކު އައި ސަރުކާރެއްމީ، މި ގައުމުގެ މުއްސަނދިކަމާ، މިގައުމުގެ ޤުދުރަތީ ވަސީލަތްތަކާ މި ރީތި ރަށްތަކާ ފަޅުތަކާ ގޮޑުދޮށްތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް އޭގެ ނަފާ ލިބޭނެ ގޮތަކަށް ޤާނޫނުތައް ބައްޓަން ކުރެވިގެން އެކަންކަން ކުރެވިއްޖެނަމަ މިއިން ކޮންމެ ރަށެއްގެ ރައްޔިތުން ދިރިއުޅޭނީ ތަނަވަސްކަމާއެކު އުފާވެރި އާއިލާތަކެއް ބިނާކޮށްގެން. މިކަންކަމުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދާނެ. އުމުރުން ދުވަސްވީ ބޭފުޅުންނަށް އަޅާލާ މުޖުތަމައެއް ބިނާވެގެންދާނެ. އަންހެނުން ބާރުވެރިކޮށް ޤައުމުގެ ތަރައްޤީގައި އިސްދައުރެއް ފެނިގެން ދާނެކަމާމެދަކު ޝައްކެއްވެސް ނުކުރަން" ނާއިބުރައީސް ފައިޞަލް ވިދާޅުވިއެވެ.

ބ. އަތޮޅަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ފައިސާ ވައްދާ އަތޮޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ އެ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓްތައް ހިންގާ އެއް އަތޮޅުކަމަށް ވާތީއެވެ.