ޚަބަރު

ނިއުޒިލަންޑްގެ ހަމަލާދިން ޓެރަރިސްޓްގެ ނަން މަޝްހޫރުވިޔަ ނުދެއްވާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ


މީގެ ފަހުން ދުވަހަކުވެސް މިދިޔަ ހުކުރު ދުވަހު ނިއުޒިލެންޑްގެ ކްރައިސްޗަރޗްގެ ދެ މިސްކިތަކަށް ނުރައްކާތެރި ހަމަލާތައް ދިން ޓެރަރިސްޓްގެ ނަން ނުކިޔުއްވާނެކަމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާރޑަރން ވަޢުދުވެވަޑައިގެންފިއެވެ.

ނިއުޒިލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގައި ދެއްވި އަސަރުގަދަ ތަޤުރީރެއްގައި އާޑަރން ވިދާޅުވީ، އޮސްޓްރޭލިޔާއަށް ނިސްބަތްވާ މި މީހާ ދިން ހަމަލާއިން އޭނާ ގިނަ ކަންކަން ހާސިލުކުރުމަށް ބޭނުންވި ކަމަށާއި މި ލާއިންސާނީ ހަމަލާއިން އޭނާ އެންމެ ބޮޑަށް ބޭނުންވީ މަޝްހޫރުކަންކަމަށެވެ. އޭނާ އެ ބޭނުންވި މަޝްހޫރުކަން އޭނާއަށް ލިބުނަ ނުދިނުމުގެ މަޤްޞަދުގައި މިއަދަށް ފަހު އޭނާގެ ނަން ފާޅުގައި ވިދާޅުނުވާނެކަމަށްވެސް އާޑަރން ވަނީ ބަޔާންކުރައްވާފައެވެ.

އަދި މި ހަމަލާގައި ފުރާނަ ގެއްލުން ފަރާތްތަކުގެ މަތިން ގިނައިން ހަނދާންކޮށް އެފަދަ ފަރާތްތަކުގެ ނަންތަކަށް އިސްކަން ދިނުމަށްވެސް ނިއު ޒިލެންޑްގެ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ. ކްރައިސްޗަރޗްގެ ދެ މިސްކިތެއްގައި ހުކުރު ނަމާދު ކުރުމަށް ގޮސް ތިބި ފަރާތްތަކަށް އަމާޒުކޮށް އުމުރުން 28 އަހަރުގެ ބްރެންޓަން ޓެރަންޓް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ފަންސާސް މީހުންގެ މަރުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ.

ބޮޑު ވަޒީރު އާޑަރން ވަނީ ޓެރަރިސްޓް ހަރާކަތްތައް ހުއްޓުވުމަށް ސޯޝަލް މީޑިއާ ސައިޓްތަކުން ކުރާ މަސައްކަތްތައް އިތުރުކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ވަސީލަތްތަކަކުން މިފަދަ ކަންކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް އާޑަރން ވިދާޅުވިއެވެ. ހުކުރު ދުވަހު ޓެރަންޓް ދިން ލާއިންސާނީ ހަމަލާތައް އޭނާ ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވް ސްޓްރީމްކޮށްފައެވެ.