ޚަބަރު

އަލްޖަޒާއިރުގެ ވެރިކަން ބަދަލުވާނީ އޮމާންކަމާއެކުގައިކަމަށް އަލްޖަޒާއިރުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވެއްޖެ


އަލްޖަޒާއިރުގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލިކާ، އެ ޤައުމުގެ ވެރިކަން ރައްޔިތުން އިންތިޚާބުކުރާ ބޭފުޅަކާ، ހަވާލުކުރައްވާނެކަމަށް އަލްޖަޒާއިރުގެ ބޮޑުވަޒީރުގެ ނައިބު ރަމަތާން ލަޢުމާމިރާ ވިދާޅުވެއްޖެއެވެ. ރަޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވާ ބައްދަލުކުރެއްވުމަށްފަހު މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލަޢުމާމިރާ ވިދާޅުވީ، ރައްޔިތުންގެ ގޮވާލުންތަކަށް ރައީސް ބޫތާފްލިކާ އިޖާބަދެއްވާނެ ކަމަށާއި، މިގޮތުން އަލްޖަޒާއިރުގެ ވެރިކަން ރައްޔިތުން އިންތިޚާބުކުރާ ބޭފުޅަކާ ހަވާލުކުރުމަށް ބޫތާފްލިކާ ނިންމަވާފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ބޫތާފްލިކާގެ އިސްތިއުފާއަށް ގޮވާލައި އަލްޖަޒާއިރުގެ ރައްޔިތުންކުރަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން ޢަރަބި ޓީވީ ޗެނަލަކަށް ދެއްވި ބަޔާނެއްގައި ބޫތާފްލިކާ ވަނީ، ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ޤައުމީ މަހާސިންތާއެއް ވަރަށް އަވަހަށް ބާއްވާނެކަން އިޢުލާންކުރައްވާފައެވެ.

އޭނާގެ ރިޔާސީ ދައުރު ނިމުމަށްފަހު އަލްޖަޒާއިރުގެ ވެރިކަން ކުރިޔަށްގެންދާނެ ގޮތާއި، ޤައުމުގެ ސިޔާސީ މުސްތަޤުބަލު ބައްޓަންކުރާނެގޮތް، އެ މަހާސިންތާއިން ނިންމާނެކަމަށްވެސް ބޫތާފްލިކާ ވަނީ ވިދާޅުވެފައެވެ. މިދިޔަ ހަފުތާގައި ބޫތާފްލިކާ ވަނީ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައި އެކަންވެސް އިޢުލާންކުރައްވާފައެވެ.