މާލޭގެ ރައްޔިތުންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ވަރަށް އަވަހަށް ފަށްޓަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ވަރަށް އަވަހަށް އިޢުލާނުކުރައްވާނެކަމަށެވެ.
އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކާ އެއްގޮތަށް މާލެސިޓީ އަކީ ރައްޔިތުން ދިރިއުޅެން ފަސޭހަ ތަނަކަށް ހައްދަވައިދެއްވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ.
މާލޭގައި ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ވަރަށް އަވަހަށް އިޢުލާންކޮށް، އެ މަޝްރޫޢު ހަޤީގަތަކަށް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯތިގެދޮރު ނެތް މާލޭގެ ހުރިހާ އެންމެނަށް ގެދޮރު ހޯދައިދިނުމަކީ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވަމުން، އެ ވަޢުދު ފުއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މާލޭގެ ވަރަށްގިނަ ގޭގެއަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވާކަމަށާ، ވަރަށް ދަތި ޙާލުގައި ދިރިއުޅޭ އެތައްބައެއް ފެނިފައިވާކަމަށެވެ. އެހެންކަމުން މާލެއަކީ ރައްޔިތުން ދިރިއުޅޭން އެންމެއެކަށޭނަ ތަނަކަށް ހައްދަވާނެކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.
"ކެމްޕެއިންގެ ތެރެއިން އަޅުގަނޑު ގެއަކަށްގޮސް މީހެއްކައިރީ އަހާލިން ކީއްހޭ އަޅުގަނޑު ކޮށްދޭންވީ. ވިދާޅުވި ނޭވާލެވޭނެ ގޮތް ހަދައިދޭށޭ. މިހާލުގައި މާލޭގައި ބައެއް ގޭގޭގައިމީހުން ދިރިއުޅެނީ. މާލޭގެ ދިރިއުޅުމުގެ ހާލަތު އޮތްގޮތަކީ މިއީ." ރައީސް ވިދާޅުވިއެވެ
މާލޭގައި ރައްޔިތުން ތޮއްޖެހި ހާސްކަމެއްގެ ތެރޭގައި އުޅޭއުޅުން ނައްތާލައްވައި ހިތްފަސޭހަތަނަކަށް މާލެ ހައްދަވައިދެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ބައެއް ކަންކަން ފުއްދައިދީފައިވާކަމަށާއި، މާލޭގައި ބަންދުކޮށްފައިހުރި ބައެއް ބޮޑެތި މަގުތައް ހުޅުވާލައްވައި ހަލާކުވެފައިވާ ބައެއް މަގުތައް ރަނގަޅުފެންވަރަކަށް ހައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މާލޭގައި ޕާކްކުރެވޭނެ އިތުރު ތަންތަން ޤާއިމުކޮށްދެއްފައިވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.