އިންޑިއާގެ ޓްރެވެންޑްރަމްގައި ގިނަ ޢަދަދެއްގެ ދިވެހިން ތިބި ހޮޓެލްއެއްގައި މިއަދު އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. މިޙާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ހޮޓެލްގައި އަލިފާން ރޯވި ވަގުތު 80 އަށްވުރެ ގިނަ ދިވެހިން ހޮޓަލުގައި ތިބިކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ބަލިމީހުންވެސް ހިމެނޭކަމަށާ، އެހެންނަމަވެސް އެއްވެސް މީހަކަށް މިޙާދިސާގައި ހާނީއްކައެއް ވެފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައޮ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހޮޓަލްގެ ޓެރަހުގައެވެ. އަލިފާން ރޯވުމާއެކު އިންޑިއާގައި ހަރަކާތްތެރިވާ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުން އެތަނަށް ގޮސްފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަލިފާނުގެ ސަބަބުން ހޮޓަލުން ކަރަންޓުކެނޑި ބައެއްދަތިތަކާ ކުރިމަތިވެފައިވީ ނަމަވެސް އެ މައްސަލަ މިހާރު ހައްލުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މިފަދަ ކުއްލި ޙާލަތްތަކާއި އެކިއެކި ދަތިތައް ހައްލުކޮށްދެއްވައި އެމީހުންގެ ހާލުބެއްލެވުމަކީ ސަރުކާރުން އިސްކަމެއްދެއްވާކަމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.