ޚަބަރު

ދެކުނުގެ އަތޮޅުތަކުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް ކޮރެއާ ކުންފުންޏަކާ ހަވާލުކޮށްފި


ދެކުނުގެ އަތޮޅުތަކުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ "ވޭސްޓް ޓު އެނާރޖީ" ފެސިލިޓީ ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާރއާއެވެ. މިއީ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދު ކޮށްގެން ހިންގާ 16 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އަދި މިއީ ގްރީން ޓެކްސްގެ ގޮތުގައި ނެގޭފައިސާއިން އެކުލަވާލާފައިވާ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫޢުކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށްޓަކައި މިއަދު އައްޑޫ ނޭޗަރ ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ. ދެކުނު ކޮރެއާގެ ކުންވަ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ރައީސް ލިމް ޑޮންގް އިލްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މި ސަރުކާރު އައިއިރު ރާއްޖޭގެ ކުނީގެ ޙާލަތު އޮތީ ވަރަށް އެކަށީގެންނުވާ ޙާލަތެއްގައިކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަކީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިމަސައްކަތުގެ ބޭނުމަކީ އައްޑޫއާ ފުވައްމުލަކުގެ ކުނީގެ މައްސަލަ ހައްލުކޮށްދިނުން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ކުނީގެ ހާލަތު މިއޮތީ ވަރަށް އެކަށީގެން ނުވާ ގޮތަކަށް. ކުރީގެ ސަރުކާރުތަކުން ކުނީގެ މައްސަލަ ހައްލު ކޮއްދެވިފައި ނެތީމަ، މިމައްސަލަ ހައްލުކުރަން ޖެހިފައި މިވަނީ އަޅުގަނޑުމެންގެ ސަރުކާރުން. ކުނީގެ މައްސަލަ ހައްލު ކޮށްދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީއަށް މިއަދު އަދާ ކުރަންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުން" އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެކުނުގެ އަތޮޅުތަކުގެ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ވޭސްޓް އިންސިނެރޭޝަން ޕްލާންޓް ޑިޒައިންކޮށް، ރާއްޖެ ގެނެސް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުނިން ހަކަތަ އުފެއްދޭ ގޮތަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތް ފަށާތާ 15 މަސް ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މިތަނުން ގަޑިއަކު 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށާއި، އަދި އޭގެތެރެއިން 1 މެގަވޮޓްގެ ކަރަންޓު ފެނަކަ ކުންފުނީގެ ގްރިޑާ ގުޅާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިޒާމުގެ ތެރެއިން ފުވައްމުލަށް ސިޓީއާއި އަދި އައްޑޫ ސިޓީގެ ހުރިހާ ރަށަކުންވެސް ކުނި ޖަމާކުރެވި އަންދާލެވޭނެއެވެ. މިކަމުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.