ޚަބަރު

އިންޑޮނޭޝިޔާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 42 އަށް


އިންޑޮނޭޝިޔާގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ޕަޕުއާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ސާޅިސް ދެއަކަށް އަރައިފިއެވެ.

އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ހާދިސާތަކުގައި ޒަޚަމުވި މީހުންގެ ޢަދަދު އެކާވީހަށް އަރާ ކަމަށާއި މީގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ މަގުތައް ބަންދުވެފައިވާތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އެ ސަރަހައްދަށް ދިޔުން ދަތިވެފައިވާކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެ ސަރަހައްދުގައި ހުރި ނުވަ ގެއަކާއި ދެ ބްރިޖެއް ހަލާކުވެފައިވާ ކަމަށާއި އެ ސަރަހައްދަށް އިތުރަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ހޯދަމުންދާކަމަށް، އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީއިން ބުނެފައިވެއެވެ.

އެ އޭޖެންސީން ބުނެފައިވަނީ އެ ސަރަހައްދުގައި މިހާރު ފެން ހިނދިފައިވާނަމަވެސް އެއަށްފަހު އެ ސަރަހައްދުގައި ކިސަޑާއި ކުނިބުނި އެއްވެ، ގިނަވެފައިވާކަމަށެވެ. އިންޑޮނޭޝިޔާގެ އިރުމަތީގެ ޕަޕުއާގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި އުޅެމުންދިޔަ ސަތޭކަ ވިހި މީހުން މިހާރު ބޯހިޔާވަހިކަން ހޯދަމުން ގެންދަނީ ސަރުކާރުގެ އިމާރާތްތަކުގައި ކަމަށްވެސް އިންޑޮނޭޝިޔާގެ ނޭޝަނަން ޑިޒާސްޓަރ އެޖެންސީން ވަނީ ބުނެފައެވެ.

އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން ބައިނަލްއަޤުވާމީ އިންސާނީ އެހީދޭ ޖަމާޢަތް ރެޑް ކްރޮސް ޖަމާޢަތުން ވެސް ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް، އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.