ޚަބަރު

ޗައިނާއިން އެ ޤައުމުގައި އިންވެސްޓްކުރާ ބޭރުގެ ކުންފުނިތައް ހިމާޔަތްކޮށްދޭނެ: ބޮޑުވަޒީރު


ޗައިނާގައި އިންވެސްޓުކުރާ ބޭރުގެ ކުންފުނިތަކާ ބެހޭގޮތުން އެކުލަވާލި އާ ޤާނޫނުގައި ބޭރުގެ އިންވެސްޓަރުންނަށް ލިބިދޭން އަންގާފައިވާ ރައްކާތެރިކަން، ސަރުކާރުން ފޯރުކޮށްދޭނޭކަމަށް ޗައިނާގެ ބޮޑުވަޒީރު ލީ ކެޝިއާންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (އެން.ޕީ.ސީ)ން ވަނީ ޗައިނާގައި މުޅިން އާ ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް ފާސްކޮށްފައެވެ. މި އާ ޤާނޫނުގެ މަޤްޞަދަކީ ޗައިނާގައި އިންވެސްޓުކުރާ ބޭރުގެ ކުންފުނިތަކަށް މަސައްކަތްކުރާނެ ދެފުށް ފެންނަ، ފަހު މާހައުލެއް ޤާއިމުކުރުމެވެ.

މި ޤާނޫނު ތަންފީޒުކުރަން ކަނޑައަޅާފައިވަނީ ދެހާސް ވިހި ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޗައިނާއިން ބޭރުގެ ވިޔަފާރިތަކަށް އެ ޤައުމުތައް ނިސްބަތްވާ ސަރުކާރުތަކުގެ ނުފޫޒު ފޯރުވުނުން އެއްކިބާކުރެވޭނެކަމަށް ޤާނޫނާ އެއްކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން ދެކެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗައިނާގެ ބޮޑުވަޒީރު ލީ ކެޝިއާންގް ވިދާޅުވީ، އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިލާންޖެހޭ ދަތިތައް ހައްލުކޮށްދިނުމަށްވެސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ޗައިނާ އަކީ އެއްވެސް އިރެއްގައި އެ ޤައުމުގެ ވިޔަފާރިތައް ބޭނުންކޮށްގެން އެހެން ޤައުމުތަކަށް ޖާސޫސްކުރުމުގެ އުޞޫލު ގެންގުޅޭ ޤައުމެއް ނޫންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ލީ މިހެން ވިދާޅުވެފައިމިވަނީ، ޗައިނާގެ މުވާސަލާތީ ކުންފުންޏެއްކަމަށްވާ ވާވޭ ޓެކްނޮލޮޖީސްއަށް ތަފާތު ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.