ޚަބަރު

ނިއުޒިލެންޑުގައި ދިން ޙަމާލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައެއް ނުވޭ- ފޮރިން މިނިސްޓްރީ


ނިއުޒިލެންޑުގެ ދެ މިސްކިތަކަށް ދިން ބަޑީގެ ޙަމާލާތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނިއުޒިލެންޑުގެ ދެ މިސްކިތަކަށް ދިން ޙަމަލާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. މި ހަމަލާ ކުއްވެރިކުރައްވައި، ރައީސް ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ޓެރަރިޒަމްގެ އެންމެ ދަށު ދަރަޖައިގެ ޢަމަލެއްކަމަށެވެ. އަދި މި ޙަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.

މިހިތާމަވެރި މިޙާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ނިއުޒިލެންޑްގެ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މިއަދު މެންދުރު ނިއުޒިލެންޑުގަޑިން އެއްގަޑި ސާޅީސް ހާއިރު ދިން މިޙަމަލާގައި ސާޅީސް ހަތަކަށްވުރެ ގިނަ މީހުންމަރުވެފައިވާއިރު ސާޅީސް އަށަކަށްވުރެ ގިނަމީހުނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް މަޢުލޫމާތުލިބެއެވެ.

ނިއުޒިލެންޑްގެ ކްރިސްޗަރޗް ސިޓީގައި ދިން ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން 4 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި އަންހެނެއް ކަމަށް ނިއުޒިލެންޑު ފުލުހުންނާއި ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ނިއުޒިލެންޑުގެ ފުލުހުން ވަނީ އެ ޤައުމުގެ މިސްކިތްތަކަށް ދިއުން އެހާ ރައްކާތެރި ނޫންކަމަށްބުނެ، މިސްކިތްތަކަށް ނުދިއުމަށްވެސް އިލްތިމާސް ކޮށްފައެވެ.