ޚަބަރު

ވިހަ ގޭހެއްގެ އަސަރުކޮށްގެން މެލޭޝިޔާގެ ސަތޭކަ އެގާރަ ސްކޫލެއް ބަންދުކޮށްފި


މެލޭޝިޔާގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ވިހަ ގޭހެއްގެ އަސަރުކޮށްގެން ސަތޭކަ އެގާރަ ސްކޫލް ބަންދުކޮށްފިއެވެ.

މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރު މަޒްލީ މާލިކް ވިދާޅުވީ، ސްކޫލްތައް ބަންދުކުރަން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށާއި، ޖޮހޯރު ސަރަހައްދުގެ ޕާސިރް ގުޑާން ސަރަހައްދުގައިވާ ހުރިހާ ސްކޫލެއް ބަންދުކުރަން އަންގަވާފައިވާނެކަމަށެވެ. އަދި ވިހަ ގޭހުގެ މައްސަލަ ދިމާވީ މެލޭޝިޔާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޮހޯރުގެ ޕާސިރް ގުޑާން ސަރަހައްދުގެ ކޯރަކަށް މިދިޔަ ހަފުތާގައި އުކާލި ވިހަ ކުނިބުނިތަކެއްގެ ސަބަބުންކަން މިހާރު ވަނީ ހާމަވެފައެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ގެންދަނީ އެ މައްސަލަ އތުރަށް ތަޙުޤީޤުކުރަމުންނެވެ.

ވިހަ ކުނިބުނި ކޯރުތަކަށް އުކާލުމަކީ މެލޭޝިޔާގައި މަނާކޮށްފައިވާކަމެކެވެ. އެ މައްސަލަ ސާބިތުވެއްޖެނަމަ މެލޭޝިޔާގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ފަސްއަހަރުގެ ޖަލުހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެކަމަށް ގާނޫނީ ފަރާތްތަކުން ބުނެއެވެ. ވިހަ ގޭހުގެ އަސަރުކުރި ދަރިވަރުންނަށް ވަނީ ހޮޑުލުމާއި ބޮލުގައި ރިއްސުމާ އަދި ބޯ އެނބުރުންފަދަ މައްސަލަތައް ކުރިމަތިވުމުން ފަރުވާދޭން ފަށާފައެވެ.