ޚަބަރު

އެސްޓީއޯއިން ޑީސަލާއި، ޕެޓްރޯލްގެ އަގު ބޮޑުކޮށްފި


އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ޕެޓްރޯލްގެ އަގު މިއަދު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ވިއްކާ ތެލަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 72 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 60 ލާރި އަގުބޮޑުކޮށްފައެވެ. ތެލުގެ އަގަށް މި ގެނައި ބަދަލާއި ގުޅިގެން މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކަމުންދާނީ، 11.61 ރުފިޔާއަށް އަދި ޕެޓްރޯލް ލީޓަރެއް 10.79 ރުފިޔާއަށެވެ.

ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ތެލުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯއިން ބުނީ، ތެލުގެ އަގުތަކަށް ބަދަލު ގެނަންޖެހުނީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، އެކުންފުންޏަށް ތެޔޮ ގަންނަންލިބޭ އަގު ބޮޑުވުމުންކަމަށެވެ. އެގޮތުން ސާފުނުކުރާ ތެލުގެ އަގު ވަނީ މިއަހަރު ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މި އަހަރު ތެޔޮ އުފައްފާ ގައުމުތަކުގެ އިއްތިހާދު އޯޕެކް އާއި އަދި ރަޝިއާ އިން ވަނީ ތެލުގެ ސާރޕްލަސް ދަށް ކުރުމުގެ ގޮތުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާނެ މިންވަރު ލިމިޓް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން ބްލޫމްބާރގް އިން ވަނީ އެމެރިކާގެ ސާފުނުކުރާ އަދި ސާފުކޮށްފައި ހުރި ތެލުގެ ސްޓޮކް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ އެނާރޖީ އިންފޯރމޭޝަން އެޑްމިނިސްޓްރޭޝަން އިން ނެރޭ ހަފްތާ ރިޕޯރޓްގައި ވާ ގޮތުން އެމެރިކާގެ ސްޓޮކް ވަނީ 3.86 މިލިއަން ފިފާ ދަށަށް ގޮސްފައެވެ.

މީގެ އިތުރުން އެކި ކަންކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސަރޕްލަސް މަދުވެގެން ދާނެކަމަށް ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ދިވެހި ރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފު ނުނުކުރާ ތެލަށްވުރެ އަގު ބޮޑުކޮށެވެ. އެހެންނަމަވެސް ބެންޗްމާރކް ތަކުގެ އަގަށް އަންނަ ބަދަލުތަކާއި އެއް މިންވަރަކަށް ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށްވެސް ބަދަލު އާދެއެވެ. އަދި އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުންކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އަގު ހެޔޮ ވެއްޖެނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯއިން އަބަދުވެސް އިސްކަންދޭ ކަމެއްކަމަށް އެސްޓީއޯއިން ބުނެއެވެ.