ޚަބަރު

ކުނި މަދުކުރުމަށް މާލޭގައި އިތުރު ޑަސްބިންތަކެއް ބަހައްޓަނީ


މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރަހައްދުތަކުގައި އިތުރު ޑަސްބިންތަކެއް ބެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ގުޅިގެން ކުރަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މާލެ ސިޓީގެ ތަރައްޤީގެ ތަޞައްވުރު ޙިއްޞާ ކުރައްވަމުން މާލެ ސީޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލެ ސިޓީގެ އާބާދީއަށް ބަލާއިރު މަގުމަތީގައި ބަހައްޓާފަ ހުރި ޑަސްބިންގެ ޢަދަދު މަދުކަމަށެވެ. އެހެންކަމުން މާލެ ސިޓީގައި ޑަސްބިން ބަހައްޓަންޖެހޭކަމަށް ފެންނަ ސަރަހައްދުތަކުގައި އިތުރު ޑަސްބިންތަކެއް ބެހެއްޓުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއާ ގުޅިގެން ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މާލެ އަންނަ ފެރީތަކުން މާލެ އެތެރެވާ ކުނީގެ ސަބަބުން މާލެ ވަށައިގެންވާ މަގުތައް ހަޑިވަމުންދާކަމަށާއި، ފެރީތަކުން އެތެރެވާ ކުނިވެސް ވަކި އިންތިޒާމެއްގެ ދަށުން އެއްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަޓަކައި ފެރީތަކުގެ ވެރިފަރާތްތަކާ ސިޓީ ކައުންސިލުން މަޝްވަރާކުރަމުންދާކަމަށެވެ.

"ފެރީތަކުން ދަތުރުކޮށްފައި އައިސް ހުރިހާ ފުޅިތަކާއި ހޮޑުލާފައި ހުންނަ ކޮތަޅުތަކާއި މިހެން ހުންނަ ހުރިހާ ނަޖިސް ގިނަ ފަހަރަށް ފެންނަނީ ބައެއް ފެރީތަކުން. އަނެއްބައި ފެރީތަކުން ވަރަށް ރަނގަޅަށްވެސް ކަންތައްކުރޭ އެކަމަކު ކޮންމެ ދަތުރެއް ނިންމާފަ އައިސް މާލެއަކީ ކުނި ޖަމާކުރާތަނެއް ގޮތުގައި ހެދީމާ މާލޭގެ ވަށައިގެންވާ ތަންތަންވެސް މިދަނީ ކުނިވަމުން" ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީއަކީ ދިރިއުޅެން ފަސޭހަ ސާފު ތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެންނަންޖެހޭ ބަދަލުތަކާއި، މަގުތަކުގައި ޢާންމުންނަށް ދަތިވާގޮތަށް ހުންނަ ތަންތައް ރަނގަޅުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.