ޚަބަރު

ބްރެކްސިޓް އެއްބަސްުވުން ފާސްކުރަން އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން މިފަހަރުވެސް އެއްބަހެއް ނުވި


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް އެކުލަވާލި އައު އެއްބަސްވުން ފާސްކުރުމަށްވެސް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ދެކޮޅުހަދައިފިއެވެ.

ބްރެކްސިޓް ނުވަތަ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާން ސަތާރަ ދުވަހަށް ވެފައި އޮއްވާ، އެ ޤައުމުގެ ބޮޑުވަޒީރު ތެރީސާ މޭ އާއި ވިލާތުގެ އިއްތިހާދުން ބަލައިގަތް އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ ތާއިދު ނުލިބުމުން، އެ ޤައުމުގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ސިޔާސީ ޚިލާފު އަނެއްކާވެސް މި ވަނީ ގޯހުން ގޯހަށް ގޮސްފައެވެ.
ރޭ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި އެއްބަސްވުމާ އެއްކޮޅަށް ވޯޓުލާފައިވަނީ ދުއިސައްތަ ސާޅީސް ދެ މެމްބަރުންނެވެ. އަދި އެއްބަސްވުމާ ދެކޮޅަށް ތިން ސަތޭކަ ނުވަދިހަ އެއް މެމްބަރުން ވޯޓުލާފައިވެއެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަޙުގައި ބްރެކްސިޓާ މެދު އުފެދިފައިވާ ޚިލާފުތަކުގެ ސަބަބުން، ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ އެ ޤައުމުގެ ކުރި މަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. 2016 ވަނަ އަހަރުގެ ފެންނަ ނުފެންނަ ވޯޓުގައި ބްރެކްސިޓަށް ތާއީދުކުރި މީހުންވެސް މިހާރު ދަނީ ސިޔާސީ ލީޑަރުން އެ މީހުންގެ ނިންމުން ތަންފީޒުކުރަން ހުރަސްއަޅާކަމަށް ބުނެ ފާޑުކިޔަމުންނެވެ.

ރޭގެ ނިންމުމާއެކު އަނެއްކާވެސް މި ވަނީ، ބްރެކްސިޓާމެދު އަލުން ފެންނަ ނުފެންނަ ވޯޓެއް ނެގުން ނުވަތަ މާޗް ނަވާވީހަށް ކަނޑައެޅި ސުންގަނޑި ފަސްކުރުން، ނުވަތަ ކުއްލި ޢާއްމު އިންތިޚާބެއް ބޭއްވުން، މިއިން ކޮންމެ ކަމަކީވެސް ވުން އެކަށީގެންވާ ކަންތައްތަކެއް ކަމަށްވެފައެވެ.