ޚަބަރު

އައިއެސް ހަނގުރާމަވެރިން އަމާންދިނުމަށް ދީފައިވާ މުއްދަތު ހަމަވެއްޖެ: އެސް.ޑީ.އެފް


ސޫރިޔާގެ އިރުއުތުރުގެ ދީރުއްޒޫރު ޕްރޮވިންސްގެ ބާޣޫޒްގައި ފައިހަރުކޮށްލައިގެން ތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަމާންދިނުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާކަމަށް އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފިއެވެ.

އެސްޑީއެފްގެ ތަރުޖަމާނު މުސްތަފާ ބާލީ ބުނީ އަމާންދިނުމަށް ދިން މުއްދަތު ހަމަވުމަށްފަހުވެސް ބާޣޫޒް އަވަށުގެ ގެތަކާއި އެކި އިމާރާތްތަކުގައި އައިއެސްގެ ހަނގުރާމަވެރިން އަމާންނުދީ އެބަތިބި ކަމަށާއި އެމީހުން އަމާންނުދީ ތިބެނީ ފިލައިގެން ދެވޭނެގޮތެއްވޭތޯ ބެލުމަށް ކަމަށާއި ހަތިޔާރު ހުރުމަކީވެސް އަމާން ނުދިނުމަށް އައިއެސްއަށް ލިބޭ ހިއްވަރެއްކަމަށެވެ.

ބާޣޫޒް އަވަށުގައިތިބި އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން ހަތަރުހާހަށްވުރެ ގިނަ މީހުން ފާއިތުވި ހަތަރު ހަފުތާތެރޭގައި އަމާންދީފައިވާ ކަމަށާއި، އަމާންނުދީ ތިބި ހަނގުރާމަވެރިންގެ ޢަދަދު މިއަށްވުރެ މަދުވާނެކަމަށް އެސްޑީއެފުން ލަފާކުރެއެވެ.

އަމާންދިނުމަށް އައިއެސްގެ ހަނގުރާމަވެރިންނަށް މަޖުބޫރުކުރުމަށްޓަކައި އެސްޑީއެފުން ގެންދަނީ ބާޣޫޒްގައި ހިސާރުކޮށްފައިވާ އައިއެސްގެ ހަތިޔާރު ގުދަންތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ސޫރިޔާގެ އަންހެނުންނާއި ކުޑަކުދިންގެ އެތައް ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.