ޚަބަރު

އައު ރިޔާސީ ދައުރަކަށް ކުރިމަތިނުލައްވާނޭކަން ބޫތަފްލިކާ ޢިޢުލާންކުރައްވައިފި


އަލްޖީރިޔާގެ ރައީސް ޢަބްދުލް ޢަޒީޒް ބޫތަފްލިކާ އެ ޤައުމުގެ ރިޔާސަތުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދަވައިފިއެވެ. އެޕްރިލް މަހު ބޭއްވުމަށް ކުރިން ތާވަލުކުރި އިންތިޚާބުގައި ވާދަނުކުރައްވާނެކަން ބޫތަފްލިކާ އިޢުލާންކުރައްވާފައިމިވަނީ، އެކަމާ ދެކޮޅަށް އަލްޖީރިޔާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.

ރިޔާސަތުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވިކަން އިޢުލާންކުރައްވާފައިވާއިރު ރައީސް ބޫތަފްލިކާ މިވަނީ އެޕްރިލް މަހަށް ތާއީދުކުރި އިންތީޚާބު ފަސްކޮށް، އެ ޤައުމަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ހެޔޮ ބަދަލުތައް ފަހިކޮށްދެއްވާނޭކަމަށް ވަޢުދުވެވަޑައިގެންފައެވެ.

އަދި އެ ޤައުމުގެ އައު ޤާނޫނު އަސާސީއާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅުއްވާނޭކަމަށްވެސް ރިޔާސަތުން ވަނީ އިޢުލާންކުރައްވާފައެވެ.

ބޫތަފްލިކާގެ އަރިސް ބައެއް ބޭފުޅުންކަމުގައިވާ ބޮޑުވަޒީރު އަޙްމަދު އޫޔަހިއްޔާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ބަދަލުގައި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ދާޚިލީ ވަޒީރުގެ ގޮތުގައި ހުންނެވި ނޫރައްދީން ބަދަވީއެވެ. ބޫތަފްލިކާ މި އިޢުލާންކުރައްވާފައި މިވަނީ، ސްވިޒަލޭންޑްގެ ހޮސްޕިޓަލަކުން ސިއްޙީ ފަރުވާ ހޯއްދެވުމަށްޓަކައި ދެ ހަފުތާ ހޭދަކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމަށްފަހުގައެވެ.

ފަސްވަނަ ދައުރަކަށް ކުރިމަތިލާނެކަން ބޫތަފްލިކާ އިޢުލާންކުރެއްވުމާއެކު އެ ޤައުމުގައި މުޒާހަރާކުރަން ފެއްޓިއެވެ. މުޒާހަރަކުރާ މީހުން ބުނަމުންދިޔައީ ބޫތަފްލިކާގެ ވެރިކަން މާބޮޑަށް ދިގުލައިގެން ހިނގައްޖެ ކަމަށާއި އަދި އޭނާ ހުންނެވީ ގައުމުގެ ރިޔާސަތު ބެލެހެއްޓޭފަދަ ސިއްޙީ ހާލަތެއްގައި ނޫންކަމަށެވެ. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ، ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނިންމެވުން އަނބުރާ ގެންދެވުމުން، އެކަމަށް މަރުޙަބާ ކިޔާފައެވެ.