ޚަބަރު

ޒިދާން އެނބުރި ރެއާލް މެޑްރިޑަށް


ރެއާލް މެޑްރިޑްގެ ކޯޗަކަށް ކުރީގެ ކޯޗު ޒައިނެދީން ޒިދާން ހަމަޖައްސައިފިއެވެ.

ރެއާލް މެޑްރިޑާއިއެކު ޖެހިޖެހިގެން 3 އަހަރު ޗެމްޕިއަންސް ލީގު އުފުލާލި ކޯޗު އެކުލަބު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުއެވެ. އޭރު ކުލަބު ދޫކޮށްލަމުން ޒިދާން ބުނީ އިތުރު ކާމިޔާބީތައް ހޯދަން ކުލަބަށް ބަދަލްތަކެއް ބޭނުންވާކަމަށެވެ.

ޒިދާންގެ ފަހުން ކުލަބާއި ހަވާލްވި ދެ ކޯޗުންވެސް މަގާމުން ދުރުކުރީ ނަތީޖާތައް ގޯސްވުމުގެ ސަބަބުންނެވެ. މި ސީޒަން ހުސް އަތާ ނިންމާލަން ޖެހިފައިވާއިރު، އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުންވެސް ރެއާލްވަނީ ބަލިވެފައެވެ.

ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ޒިދާން އަލުން ހަވާލްވުމުން ކުލަބުގެ ސަޕޯޓަރުން އަންނަނީ އެކަމާއި އުފާފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުލަބަށް އެންމެ ބޭނުންވެފައިވާ ބަދަލަކީވެސް ޒިދާން އެނބުރި ކުލަބާއި ގުޅުމެވެ.
އެނބުރި އައުމަށްފަހު ޒިދާން ބުނީ އޭނާ ރެއާލް މެޑްރިޑަށް އެނބުރި މިއައީ ރަނގަޅު ޗުއްޓީއަކަށްފަހުކަމަށާއި، ރެއާލް މެޑްރިޑުން ގުޅައިގެން ނޫނެކޭ ބުނުމަކީ އޭނާ ބޭނުންވާނެ ގޮތެއް ނޫންކަމަށެވެ.

ޒިދާން އެނބުރި ކުލަބަށް މިއައީ 2022ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. އަދި މި ސީޒަނަށްފަހު ކުޅުންތެރިން ހޯދުމަށް 300 މިލިއަން ޕައުންޑްގެ ބަޖެޓެއް އޭނާއަށްދޭން ކުލަބުންވަނީ ނިންމާފައިއެވެ.